19 Feb 2015, 14:40
ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ނެރެފައި ވަނީ ރަނގަޅަށް ކަމަށާއި އަދި އޭނާގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކޮށްފައި ވަނީވެސް ރަނގަޅަށް ކަމަށް ކަނޑައަޅައި ހައިކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.
ހައިކޯޓުން މިއަދު ހުކުމް ކޮށްފައި ވަނީ އެ ދެ އަމުރު ނެރެފައި ވަނީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ކަނޑައަޅެން ނެތް ކަމަށެވެ.
ނާޒިމް ހައްޔަރުކޮށްފައި ވަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހު އޭނާ ދިރިއުޅުއްވާ ގެކޮޅު ގ. އެނިފްގައި ހުންނަވަނިކޮށެވެ.
ނާޒިމްގެ ގާނޫނީ ވަކީލް މައުމޫން ހަމީދު ވިދާޅުވީ، ނާޒިމް ހައްޔަރުކޮށްފައި ވަނީ އޭނާގެ ގެއިން ޕިސްތޯލައެއް ފެނުނު މައްސަލަ އާއި އިތުރު ބަޔަކާ ގުޅިގެން ދައުލަތާ ދެކޮޅު ހަރަކާތްތަކެއް ހިންގަން އުޅުނު ކަމަށް ބުނެ ކަމަށެވެ.
ނާޒިމްގެ މައްޗަށް ދައުވާކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ. އެ އޮފީހުން ބުނީ އެ މައްސަލަ ދިރާސާކުރަމުން އަންނަ ކަމަށެވެ.