14 Feb 2011, 15:52
ތ. ތިމަރަފުށްޓާއި ޅ. ހިންނަވަރުގެ ނަރުދަމާ ނިޒާމު ހިންގުން ދެ ޔޫޓްލިޓީސް ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
ކުވެއިތު ފަންޑްގެ ލޯން އެހީގައި ތިމަރަފުށްޓާއި ހިންނަވަރުގައި ސަރުކާރުން ގާއިމް ކުރި ނަރުދަމާ ނިޒާމް ހިންގުމުގެ މަސައްކަތް މިއަދު ހަވާލުކޮށްފައި ވަނީ ނޮދަން ޔޫޓްލިޓީޒް އާއި ސަދަން ސެންޓްރަލް ޔޫޓްލިޓީޒް ކުންފުންޏާ އެވެ.
ތިމަރަފުއްޓާއި ހިންނަވަރުގެ ނަރުދަމާ ނިޒާމަށް ދިމާވާ މައްސަލަތަކާއި އެ ނަރުދަމާތައް ބެލެހެއްޓުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން މިއަދު ވިދާޅުވީ ނަރުދަމާތައް ޔޫޓްލިޓީޒް ކުންފުނިތަކާ ހަވާލުކުރުން ރައްޔިތުންނަށް ވަރަށް ބޮޑު ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި މީހާރު ވެސް ޔޫޓްލިޓީޒް ކުންފުނިތަކާ ހަވާލުކޮށްފައިވާ ނަރުދަމާތައް ބެލެހެއްޓުމުގެ މަސައްކަތް އެ ކުންފުނިތަކުން ކުރަމުންދާ ގޮތުން ސަރުކާރަށް ރަގަނޅު ތަޖުރިބާތަކެއް ކުރެވެމުންދާ ކަމަށް އަކުރަމް ކަމާލުއްދީން ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ނޮދަން ޔޫޓްލިޓީޒް ފަރާތުން ވާހަކަފުޅުދެއްކެވި އަލީ ހަސަން މިއަދު ވިދާޅުވީ ހައުސިން މިނިސްޓްރީންގެ ދަށުން ކުރިން ހިންގަމުންއައި ނަރުދަމާތައް ޔޫޓްލިޓީޒް ކުންފުނިތަކާ ހަވާލުކުރާއިރު، އެ ދާއިރަތައްކަށް ބޭނުންވާ މީހުން ވެސް މިނިސްޓްރީން ތަމްރީކޮށްދީފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ފަސޭހަކަމާ އެކު އެ މަސައްކަތް ޔޫޓްލިޓީޒް ކުންފުނިތަކުން ކުރިއަށް ގެންދާނެ ކަމަށް އަލީ ހަސަން ވިދާޅުވި އެވެ.