އެމެރިކާއިން ހަނގުރާމަ ކުރަމުންދަނީ އިސްލާމް ދީނާ ދެކޮޅަށް ނޫން ކަމަށާއި ހަނގުރާމަ ކުރަނީ އިސްލާމްދީނުގެ އަދުއްވުންނާ ދެކޮޅަށް ކަަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެ އެވެ.

ޓެރަރިޒަމާ ދެކޮޅަށް ބޭއްވި ސަމިޓްގައި އޮބާމާ ދެއްކެވި ވާހަކަފުޅުގައި "އިސްލާމިކް ޓެރަރިޒަމް" އެއްވެސް ވަރަކަށް ބޭނުންކޮށްފައި ނުވާކަމަށް ސީއެންއެންއިން ވަނީ ބުނެފައެވެ.

ޓެރަރިޒަމާއި އިސްލާމް ދީނާ ގުޅޭ ގޮތަށް މީގެ ކުރިން އޮބާމާގެ ވާހަކަތައް ބައްޓަންވެފައި ހުރި ނަމަވެސް އޮބާމާގެ މިހާރުގެ ބަސްމަގު ބަދަލުވެއްޖެ ކަމަށް ބައިނަލް އަގުވާމީ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ދަނީ ފާހަގަކުރަމުންނެވެ.

އޮބާމާ ވިދާޅުވީ، ހައްދުފަހަނަޅާފައިވާ މީހުން ކޮންމެ ދީނެއްގައި ވެސް ތިބެދާނެ ކަމަށެވެ.

"އިސްލާމިކް ޓެރަރިޒަމް" މި ބަސް އޮބާމާގެ ތަގުރީރުގައި ނައުމުން އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ބައެއް ބޭފުޅުންގެ ފަރާތުން ރުޅިވެރިކަމާއި ފާޑުކިޔުން އޮބާމާއަށް އަމާޒުވެފައިވާ ކަމަށް ވެސް ސީއެންއެން ރިޕޯޓް ކުރެއެވެ. އަދި ޓެރަރިޒަމާ ބެހޭ ބައެއް ތަޖުރިބާކާރުން ވެސް ވަނީ މިކަމަށް ފާޑުކިޔާފައެވެ. އަދި ހައްދުފަހަނައަޅާފައިވާ މުސްލިމުންނަށް ސީދާ ގޮތެއްގައި މުޚާތަބް ކުރަން ޖެހޭނެ ކަަމަށް އެ ފާރަތްތަކުން ގަބޫލުކުރެ އެވެ.

ބުދަ ދުވަހު ބޭއްވި ސަމިޓްގައި އޮބާމާ ވިދާޅުވީ، "ހައްދުފަހަނައަޅާ ދިއުމާ ދެކޮޅަށް ކުރެވޭ ހަނގުރާމަ އަކީ 'ހިތްތަކާއި ސިކުނޑީގެ' ހަނގުރާމައެއް" ކަމަށެވެ.

މުސްލިމް ޒުވާނުން ހައްދުފަނައަޅާފައިވާ ޖަމާއަތްކާއި ގުޅުން ހުއްޓުވުމަށް އެމެރިކާއިން ތަފާތު ޕްރޮގްރާމްތައް ހިންގަމުންދާ ކަމަށްވެސް ސީއެންއެންގައި ރިޕޯޓުކޮށްފައި ވެއެވެ.