ސަރުކާރު ހިންގާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އިން ބާއްވާ އާންމު ޖަލްސާތަކަށް ދިއުމަށް ސަރުކާރުގެ ކުންފުނިތަކާއި އެކިއެކި މުއައްސަސާތަކުގެ މުވައްޒަފުންނަށް ސަރުކާރުން އަންގައި މަޖުބޫރުކުރުވަމުންދާ ކަމަށާއި، އެއީ ގާނޫނުއަސާސީއާއި އަދި ވަޒީފާއާ ބެހޭ ގާނޫނާ ޚިލާފު ޢަމަލެއް ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެފަދަ އެންގުންތަކާ އެއްގޮތަށް ޕީޕީއެމްގެ ޖަލްސާތަކަށް ހާޒިރުނުވާ މުވައްޒަފުންނާމެދު ފިޔަވަޅުއަޅައި ނުވަތަ ވަޒީފާއިން ވަކިކުރާނޭ ކަމުގެ ބިރު، އެ މުވައްޒަފުންނަށް އޮންނަ ކަމަށެވެ. އަދި ވަޒީފާގެ ބިރު އެފަދައިން ދެއްކުމަކީ ގާނޫނު އަސާސީއާއި ގާނޫނުތަކާ ހިލާފުކަމެއް ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

"ސަރުކާރުގެ މި ޢަމަލަކީ ރައްޔިތުންގެ ތާޢީދު ސަރުކާރަށް ނެތުމުން ހިންގާ ނާތަހުޒީބު އަދި ދަށުދަރަޖައިގެ ޢަމަލެއްކަން ފާހަގަކުރަމެވެ. އަދި ޕީޕީއެމްގެ ޖަލްސާތަކަށް ނުދިއުމުގެ ސަބަބުން އެއްވެސް މުވައްޒަފަކާމެދު އެއްވެސް ފިޔަވަޅެއް އަޅައި ނުވަތަ އެމުވައްޒަފަކު ވަޒީފާއިން ވަކިކުރެވިގެން ނުވާނެއެވެ." އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

އެމްޑީޕީން ބުނީ، އެފަދައިން ފިޔަވަޅުއެޅޭ ފަރާތްތަކުގެ ދިފާއުގައި އެމްޑީޕީ ސާބިތުކަމާއެކު ދެމިއޮންނާނޭކަމުގެ ޔަގީންކަން އެފަރާތްތަކަށް އަރުވާ ކަމަށެވެ.

އަދި ޕީޕީއެމްގެ ޖަލްސާތަކަށް ހާޒިރުވުމަށް ސަރުކާރުގެ ކުންފުނިތަކާއި އެކިއެކި މުއައްސަސާތަކުގެ މުވައްޒަފުންނަށް ސަރުކާރުން އަންގައި މަޖުބޫރުކުރުވަމުންދާ ދިއުން މިހާރުން މިހާރަށް ހުއްޓައިލުމަށް އެމްޑީޕީ އިން ވަނީ ސަރުކާރަށް ގޮވާލާފައެވެ.

އެމްޑީޕީގެ މި ތުހުމަތުތަކާ ގުޅޭގޮތުން ޕީޕީއެމްގެ ޕަލިމެންޓަރީ ގްރޫޕުގައި ހިމެނޭ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް މިއަދު "ސަން" އަށް ވިދާޅުވީ، "އެއީ އެމްޑީޕީން ކަންކުރި އުސޫލު" ކަމަށެވެ. އަދި ހަމައެއާއެކު ޕީޕީއެމްގެ ޖަލްސާތަކަށް ގޮވަނީ އާންމުކޮށް ކަމަށް އާރިފް ވިދާޅުވި އެވެ.

"ދަންނަވަންތޯ އަޅުގަނޑުމެން ޕީޕީއެމްގެ ޖަލްސާތަކަށް ގޮވަނީ އާންމުކޮށް. އެހެނެއްނޫން.. އަޅުގަނޑުގެ ރަށްޓެއްސެއް ވެސް ހުރިއްޔާ ބުނާނަން އަންނާށޭ. ނޫނީ ޖަލްސާއަށް އަންނަށްޗޭ. ދެން ކަންވާ ގޮތަކީ އެމްޑީޕީން ކަންކުރި އުސޫލަކީ އެއީ. އެޕާޓީއަށް ސޮއި ނުކޮށްފިއްޔާ ވަޒީފާއިން ވަކި ކުރާނެ ކަމަށް ބުނުން މިއީ ހިނގާފައި ހުރި ކަންތައް،" އާރިފް ވިދާޅުވި އެވެ.