19 Feb 2015, 13:48
"ތައްޔާރީ ކޮންކްރީޓު" ނުވަތަ "ރެޑީ މިކްސް ކޮންކްރީޓ" އާންމުންނަށް ފޯރު ކޮށްދިނުމުގެ ގޮތުން ހައުސިން މިނިސްޓްރީއާއި އެސްޓީއޯއާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ހައުސިން މިނިސްޓްރީގައި މިއަދު މެންދުރު އޮތް ހާއްސަ ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެވެ. އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް އެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވީ، އެކަން ކުރުމަށް ސަރުކާރުން އެސްޓީއޯއަށް ވަކިން ހާއްސަ ބިމެއް ވެސް ދީފައިވާނެ ކަމަށެވެ. ޑރ. މުއިއްޒު ވިދާޅުވީ، އެކަމަކީ ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ ވަރަށް މުހިއްމު ސިޔާސަތެއް ކަމަށެވެ.
"މާލެއަކީ އެނގިވަޑައިގަންނަވާނެ ފަދައިން ވަރަށް ބޮޑަށް ތޮށްޖެހިފައި އޮތް ތަނެއް. ވަރަށް ގިނަ ރައްޔިތުންތަކެއް ދިރިއުޅޭ ތަނެއް. ވަރަށް ބާރު ސްޕީޑުގައި އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށްދާ ތަނެއް. އެހެންކަމުން ސަރުކާރުގެ ޕްލޭންގެ ތެރޭގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން މާލެ ހިތްފަސޭހަ ތަނަކަށް ބަދަލު ކުރުމަށް ސަރުކާރުން މި ކުރާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ އެއްކަންތައް މިއަދު ހާސިލް ވެގެން މިދިޔައީ. ދެން މިކަމަށް މާލޭގެ ދެކުނު ފަރާތުން ކުރި އެސްޓީއޯގެ ކޮށްޓެއްގެ ގޮތުގައި އޮތް ތަނެއް އެކޮށި އަޅުގަނޑުމެން މި ހަވާލު ކުރަނީ،" މުއިއްޒު ވިދާޅުވި އެވެ.
ޑރ. މުއިއްޒު ވިދާޅުވީ، މާލޭގައި އިމާރާތް ކުރުމުގެ ގޮތުން ބައެއް ފަރާތްތަކުން މާލޭގެ މަގުތަކުގައި އެކި ކަހަލަ ތަކެތި ބަހައްޓަމުން އަންނަ ކަމަށެވެ. އަދި އިމާރާތް ކުރުމަށް ގިނަ ވަގުތުތަކަކަށް މަގުތައް ބަންދު ކުރަމުން އަންނަ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން އެކަންކަމަށް ހައްލު އަންނާނެ ކަމަށްވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިކަން ފެށިގެން ދިއުމުން މާލޭގެ މާހައުލު ރަނގަޅުވެގެންދާނެ ކަމަށެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ، އެސްޓީއޯ އިން ތައްޔާރީ ކޮންކްރީޓު ނުވަތަ ރެޑީ މިކްސްޑް ކޮންކްރީޓުގެ މަސައްކަތް ކުރިއަށް ގެންދާނީ ރައްޔިތުންނަށް ވީހާވެސް ފަސޭހަވާނެ ފަދަ ގޮތަކަށެވެ.
"އޭގެ މާނައަކީ އަޅުގަނޑުމެން ރެޑީ މިކްސް ކޮންކްރީޓުގެ މަސައްކަތް ވަކި ސައިޓެއްގައި ކޮށްފައި އެ ސައިޓުގައި ހުރިހާ މަސައްކަތެއް ނިންމާފައި އަޅުގަނޑުމެންގެ ލޮރީތަކުގައި އެތަންތަނަށް ގޮސް ސިމެންތި އޮންސާނީ. އެހެންވީމަ ކުރީގައި މުޅި މަގުތައް ބަންދުކޮށްގެން އެއް ދުވަސް އެއްކޮށް ތިބި ތިބުމުގެ ބަދަލުގައި އަޅުގަނޑުމެން ދެގަޑި ތިންގަޑި އިރެއްގެ ތެރޭގައި ނިންމާލެވޭނެ ކަހަލަ ގޮތަކަށް މަސައްކަތް ކުރިއަށް ގެންދާނީ،" އާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ރައްޔިތުންނަށް މިކަމުގެ ސަބަބުން އިންތިހާއަށް ފަސޭހަވެގެން ދާނެ ކަމަށެވެ. އެގޮތުން އެންމެ ގިނަވެގެން ވެސް އެ މަސައްކަތަށް ނަގާނީ ތިނެއް ނުވަތަ ހަތަރު ވަރަކަށް ގަޑިއިރު ކަމަށް އާޒިމް ވިދާޅުވި އެވެ.
ކުންފުނިތަކުން އިމާރާތް ކުރާއިރު ސިމެންތި ކުނޑި ފަދަ އެއްޗެހި ބުރުން މަދުވާނެ ކަމަށާއި އެކަމުގެ ސަބަބުން ވެސް އާންމު ރައްޔިތުންނަށް ވަރަށް ބޮޑުތަން ފަސޭހަވެގެންދާނެ ކަމަށްވެސް އާޒިމް ވިދާޅުވި އެވެ.