19 Feb 2015, 12:36
ސިޔާސީ ދެ ޕާޓީއެއް ގުޅިގެން މާލޭގައި މިހާރު ކުރިއަށް ގެންދާ އެއްވުންތަކުގެ ތެރެއިން އެއްވުމެއްގައި އަނިޔާވެރިކަމަށް ބާރުލިބޭ ވާހަކަތަކެއް ދައްކާފައިވާ މައްސަލައެއް ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަން ފަށައިފި އެވެ.
ފުލުހުން މިއަދު ބުނީ، މި މަހުގެ 17 ވަނަ ދުވަހުގެ ރޭ އެމްޑީޕީ-ޖޭޕީ ގުޅިގެން ފަރީދީމަގާއި ޗާންދަނީމަގު ގުޅޭ ހަތަރު އަނގޮޅި ކަންމަތީގައި ކުރިއަށް ގެންދިޔަ އެއްވުމެއްގައި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް، ސުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ ޤާނުނާ ޚިލާފު ވާހަކަތަކެއް އެ އެއްވުމުގައި ބައިވެރިވި މީހަކު ދައްކާފަވާ ކަމަށެވެ. އަދި ޖާނުން ފިދާވެގެންވެސް މިހާރު އޮތް ޤާނޫނީ ސަރުކާރު ވައްޓާލާނެކަމުގެ އިންޒާރު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
"ޞުލްޙަވެރި ކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނު ނަމްބަރު 2013/1 ގެ 4 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަދައިން ޞުލްޙަވެރި އެއްވުމެއްކަމުގައިވާނީ އެ އެއްވުމަކީ ޞުލްޙަވެރި މަޤްޞަދެއް ޙާޞިލްކުރުމަށްޓަކައި އެއްވާ އެއްވުމެއްކަމަށް ވެފައި އެ އެއްވުމެއް ކުރިޔަށްދާ ދަނޑިވަޅުގައި އެ އެއްވުމަކީ އަނިޔާވެރި ޢަމަލެއް ނުހިނގާ އެއްވުމެއް ކަމުގައިވާނަމަ ނުވަތަ އަނިޔާވެރި ޢަމަލަކަށް ހިތްވަރުލިބޭ ގޮވުންތަކާއި ލިޔުންތަކާއި ކުރެހުންތަކާއި ޙަރަކާތްތައް ހިމެނިގެން ނުވާނެއެވެ." ފުލުހުން ބުނެފައިިވެ އެވެ.
އަޑު އުފުލުމާއި ޝުއޫރު ފާޅުކުރުމުގެ ގޮތުން އެއްވުންތަކާއި މުޒާހަރާތައް އިންތިޒާމްކޮށް ބާއްވާ ފަރާތްތަކުން، ސުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އަމަލުތައް ބެހެއްޓެވުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި އެފަދަ އެއްވުންތަކުގައި ޤާނޫނާ ޚިލާފަށް ކުރާކަންތައްތަކުގެ ޖިނާޢީ ތަޙުޤީޤު ހިންގާނެކަން ފުލުހުން ވަނީ ހަނދާންކޮށްދެއްވާފައެވެ.
އަނިޔާވެރިކަމަށް ބާރުލިބޭ ވާހަކަތަކެއް ދައްކާފަވާތީ އެކަން ފުލުހުން ތަހުގީގު ކުރަމުންދާއިރު ރައީސް އަބްދުﷲ ޔާމީނަށް ޖާނުން ފިދާވުމުގެ ހަމަލާއެއް ދޭނެ ކަމަށް ބުނުމުން އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް އިލެކްޝަންސް ކޮމިޝަނަށާއި ޕްރޮސިކިއުޓާ ޖެނެރަލްގެ އިތުރުން ފުލުހުންނަށް ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕީއެމް އިން ވަނީ ގޮވާލާފައެވެ.
ޕީޕީއެމުން ބުނީ، އެމްޑީޕީ-ޖޭޕީ ގުޅިގެން ކުރިއަށް ގެންދާ މުޒާހަރާ ތަކަކީ ދިވެހި މުޖުތަމައުއަށް ހަމަޖެހުން ހޯދައި ދިނުމަށް ރައީސް ޔާމީންގެ ސަރުކާރުން މަސައްކަތް ކުރައްވަމުން ދާތީ، އެކަމަށް ހުރަސް އެޅުމުގެ ގޮތުން ކުރާ ކަމެއް ކަމަށެވެ. އަދި އެފަރާތްތަކުން އެކަން ކުރައްވާ މައިގަނޑު ސަބަބަކީ ގައުމުގެ އިޖްތިމާއީ، އިގްތިސާދީ އަދި ސިޔާސީ ހަމަޖެހުން ނަގާލުން ކަމަށް ވެސް ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ.