މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ކަމަށް ހ. ލޮބީ ހުސައިން ހުމާމް އަހްމަދު އިއުތިރާފުވެފައިވާއިރު، އެ އިއުތިރާފުން ރުޖޫއަ ނުވެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅާފައި ވަނީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް އޭނާގެ ވަކީލު ވިދާޅުވެއްޖެ އެވެ.

ހައިކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހުމާމްގެ ވަކީލު އަބްދުﷲ ހަސީން ވިދާޅުވީ، ޝަރީއަތުގައި ހުމާމް ވެފައިވާ އިއުތިރާފުން ރުޖޫއަ ނުވެވޭނެ ކަމަށް ކަނޑައަޅާފައި ވަނީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށާއި ހަމައެހެންމެ ހުމާމް މީހަކު މަރަނިކޮށް އެއްވެސް މީހަކަށް ފެނިފައިނުވާ ކަމަށެވެ.

ހަސީން ވިދާޅުވީ، ހުމާމްގެ ފަރާތުން ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހަށް ދިފާއުގައި ހެކި ހުށަހަޅާފައިވާއިރު، އެ ހެކީންގެ ހެކިބަސް ނަގާފައިނުވާ ކަމަށެވެ.

އެ މައްސަލައަށް ޖަވާބުދާރީވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ، ހުމާމަށް އިއުތިރާފުން ރުޖޫއަ ނުވެވޭނެ ކަމަށް ކަނޑައަޅާފައި ވަނީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނާއިރު، އެހެން އެ ވިދާޅުވަނީ ގާނޫނީ ކޮން ބިންގަލެއްގެ ދަށުންކަން އެނގެން ނެތް ކަމަށެވެ.

ކުށަށް އިއުތިރާފުވުމަށްފަހު ޑރ. އަފްރާޝީމް މަރާލަން ރޭވިގޮތާއި މަރާލިގޮތާއި މަރާލަން ބޭނުންކުރި ހަތިޔާރަކީ ކޮބައިކަމާއި މަރާލުމަށްފަހު ކަންތައް ކުރިގޮތް ހުމާމް ކިޔައިދީފައިވާ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ކުށަށް އިއުތިރާފުވުމަށްފަހު އެ ކޯޓުގެ މުއްދަތު މަޖިލީހަށް ދިން ބަޔާން އިއްވައިދިނުމަށް އެ ބަޔާން ދައުލަތުން ޝަރީއަތަށް އިއްވާފައިވާނެ ކަމަށާއި އެ ބަޔާނުގައި ކަންހިގައިދިޔަގޮތް ތަފްސީލުކޮށް އޭނާ ކިޔައިދީފައިވާ ކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

އެ ބަޔާނުގައިވާ ކަންތައްތަކާ ގުޅިގެން ދައުލަތުން ހެކި ހުށަހެޅި ކަމަށާއި އެ ހެކީންގެ ހެކިބަހުގައި އެއްވެސް ފުށުއެރުމެއް ނެތްއިރު ބަޔާނުގައި ހުމާމް ކިޔައިދީފައިވާ ކަންތައްތަކާއި ހެކިބަހާއި ދިމާވާ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ ދިފާއުގައި ހުށަހެޅި ހެކީންގެ ހެކިބަސް ނުނަގާ ކަމަށް ހުމާމްގެ ވަކީލު ވިދާޅުވިއިރު، ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ވަކީލަކު ބޭނުންނުވާ ކަމަށް ހުމާމް ބުނުމުން، ދައުލަތުން ހެކި ހުށަހަޅާފައިވަނިކޮށް ވަކީލަކު ހަމަޖައްސަން ބޭނުންވާ ކަމަށް ފަހުން އޭނާ ބުނެފައިވާ ކަމަށެވެ. އެހެންކަމުން ދިފާއީ ހެކީންގެ ހެކިބަސް ނަގާފައި ނުވަނީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ބެލެވެން ނެތް ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރުންގެ ބެންޗުން ވަނީ ދެ ފަރާތުން ވެސް ހަވާލާދީފައިވާ ލިޔުންތައް ކޯޓަށް ހުށަހެޅުމަށް އަންގާފައެވެ. އަދި ހެކިތަކުގައި ހުރި ޝައްކުތަކަކީ ކޮބައިކަން ދެން އޮންނަ ޝަރީއަތުގެ މަޖިލީހަށް ހުށަހެޅުމަށް ހުމާމްގެ ވަކީލަށް ފަނޑިޔާރުންގެ ބެންޗުން ވަނީ އަންގާފައެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު އަލީ ސަމީރު ވިދާޅުވީ އިތުރު އަޑުއެހުމެއް ދެން ބާއްވާނީ ދެ ފަރާތުން ހުށަހަޅަންޖެހޭ ލިޔުންތައް ކޯޓަށް ހުށަހެޅުމުން ކަމަށެވެ.

ޑރ. އަފްރާޝީމް އަވަހަރާކޮށްލާފައި ވަނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ 11:30 އާއި ދަންވަރު 2:00އާ ދެމެދުގެ ވަގުތެއްގައެވެ.

ހުމާމްގެ މައްޗަށް މަރުގެ ހުކުމް އިއްވާފައިވާއިރު، އޭނާއާ އެކު ގޮސް ޑރ. އަފްރާޝީމަށް ވަޅިން ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ ހ. ހިކޯސްޓް އަލީ ޝާންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. އެހެންނަމަވެސް އެ ހުކުމް އަދި އިސްތިއުނާފުކޮށްފައެއް ނުވެއެވެ.