19 Feb 2015, 11:58
ރައްޔިތުންގެ މަޖިލީސް މިއަހަރަށް ހުޅުވުމަށާއި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ރިޔާސީ ބަޔާން އިއްވުމަށް މާޗު މަހުގެ ދެ ވަނަ ދުވަހު މަޖިލީހުގެ ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.
އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހަށް ރައީސް ޔާމިން ރިޔާސީ ބަޔާން އިއްވަވާ ޖަލްސާއާ ގުޅޭ ގޮތުން މަޖިލީހުގެ އަމީންއާންމު އަހުމަދު މުހައްމަދު "ސަން"އަށް މިއަދު ވިދާޅުވީ އަންނަ މަހުގެ ދެ ވަނަ ދުވަހު ބާއްވާ ޖަލްސާގެ އެޖެންޑާގައި ހަމައެކަނި އޮންނާނީ ރައީސް ޔާމިން ރިޔާސީ ބަޔާން އިއްވުން އެކަނި ކަމަށެވެ.
ގާނޫނު އަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް އިއްވަންވާނެ އެވެ.
މަޖިލީހުގެ ގަވާއިދުގައި ބުނެފައިވާ ގޮތުން ކޮންމެ ދައުރެއްގެ ފުރަތަމަ ޖަލްސާ ބާއްވާނީ އެ ދައުރެއްގެ ފެށޭ ތާރީހާ ވިދިގެން އަންނަ ފުރަތަމަ ހޯމަ ނުވަތަ ފުރަތަމަ ބުރާސްފަތި ދުވަހު އެވެ.
އަންނަ މަހުގެ ދެ ވަނަ ދުވަހު މަޖިލިސް ހުޅުވަނީ ދެ މަސް ދުވަހުގެ ޗުއްޓީއަކަށް މަޖިލިސް ދިއުމަށްފަހު އެވެ. މިދިޔަ އަހަރު މަޖިލީހުގެ އެންމެ ފަހު ދައުރު ނިންމައި މަޖިލިސް ޗުއްޓީއަށް ގޮސްފައި ވަނީ ޑިސެމްބަރު 25 ވަނަ ދުވަހު އެވެ.
އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހަށް ރައީސް ޔާމިން ރިޔާސީ ބަޔާން އިއްވަވާއިރު، އެ މަޖިލީހުގެ ސާފު އަގުލަބިއްޔަތު އޮތީ ސަރުކަރު ހިންގާ ޕީޕީއެމަށެވެ. އެއީ 44 މެމްބަރުންގެ އަގުލަބިއްޔަތެވެ. އަދި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންނާއެކު ސަރުކާރަށް ތާއިދު ކުރާ މެމްބަރުންގެ އަދަދު 49 އަށް އަރަ އެވެ.
އިދިކޮޅު އެމްޑީޕީ ތިބީ 22 މެމްބަރުންނެވެ. އަދި އެ ޕާޓީއާއެކު ބައިޔަތު ހިފާފައިވާ ޖޭޕީގައި ތިބީ 12 މެމްބަރުންނެވެ. އަދާލަތު ޕާޓީގެ އެންމެ މެމްބަރަކު މަޖިލީހުގައި އިންނެވިއިރު، މިނިވަން މެންބަރެއްގެ ގޮތުގައި މަޖިލީހުގައި އިންނެވީ ވެސް އެންމެ މެމްބަރެކެވެ. އެއީ މަޖިލީހުގެ ނައިބު ރައީސް ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކެވެ.