ދުނިޔޭގެ ކަންކޮޅުތަކުގައި ސްމާޓްފޯނަށް އޮންނަ ޑިމާންޑު ކިތަންމެ ބޮޑު ނަމަވެސް ޖަޕާނުގައި ސްމާޓްފޯނަށް އޮތް ޑިމާންޑް ކުޑަވެ "ފްލިޕް" ފޯނުގެ ޝިޕްމަންޓް މިދިޔަ އަހަރު 5.7 އިންސައްތައަށް އުފުލިއްޖެ އެވެ.

ވޭތުވެ ދިޔަ ހަތް އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ފްލިޕް ޕޯނުގެ ޝިޕްމަންޓު އުފުލިފައިވާ އިރު މިދިޔަ އަހަރު 10.58 މިލިއަން ފްލިޕް ފޯން ޝިޕް ކޮށްފައި ވެއެވެ. ނަމަވެސް ޖަޕާނަށް މިދިޔައަހަރު 27.7 މިލިއަން ސްމާޓްފޯނު ޝިޕްކޮށްފައިވި ނަމަވެސް އެ ޝިޕްމަންޓު ވަނީ ކުރީ އަހަރާ އަޅައިބަލާއިރު 5.3 އިންސައްތަ ދަށަށް ގޮސްފައެވެ.

ޖަޕާނުގެ ގިނަ ރައްޔިތުން ބޭނުންވަނީ ހަމައެކަނި އާންމު ބޭނުންތައް ކަމަށްވާ ވޮއިސްކޯލް އާއި އީމެއިލް އަދި އާދައިގެ އިންޓަނެޓް ބޭނުން ކުރެވޭ ފޯނުތައް ކަމަށް އެގައުމުގެ ޓެލެކޮމިއުނިކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

ޖަޕާނުގެ އިލެކްޓްރޯނިކް ކުންފުނިތައް ކަމަށްވާ ޕެނެސޮނިކް ކޯޕަރޭޝަން އާއި އެންއީސީ އިން އެ ކުންފުނިތަކުން ހަދަމުން އަންނަ ސްމާޓްފޯނުތަކަށް އޮންނަ ޑިމާންޑު ކުޑަވުމާ ގުޅިގެން، އެ ދެ ކުންފުނިންވެސް ވަނީ ސްމާޓްފޯނުގެ މަސައްކަތް ހުއްޓާލާފައެވެ. ނަމަވެސް އަދިވެސް އެ ދެކުންފުނިން އަންނަނީ ފްލިޕް ފޯނު އުފައްދަމުންނެވެ.