ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިނގިލި ދާއިރާގެ މެމްބަރު ގާސިމް އިބުރާހީމާ ދެކޮޅަށް މުޒާހަރާ ކުރުމަށް ޕީޕީއެމްގެ ނައިބު ރައީސް ޓޫރިޒަމް މިނިސްޓަރު އަދީބު ގޮވާލައްވައިފި އެވެ.

ޓްވިޓާގައި އަދީބު ތުހުމަތު ކުރައްވާފައި ވަނީ ރައީސް ނަޝީދާއި ގާސިމް އުޅުއްވަނީ މުސްތަގުބަލް ހަލާކުކުރައްވަން ކަމަށެވެ.

"...ރައީސް ޔާމީނަށް ތާއީދުކުރާ ހުރިހާ ޒުވާނުން މިއަދު 4.00 ގައި އާޓިފިޝަލް ބީޗަށް އައުން އެދެން، އަހަރެމެންގެ މުސްތަގުބަލު ހަލާކުކުރަމުންދާ ނަޝީދާއި ގާސިމާ ދެކޮޅަށް މުޒާހަރާ ކުރުމަށް،" މީގެ ގަޑިއެއްހާއިރު ކުރިން އަދީބު ކުރައްވާފައިވާ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.



އަދީބުގެ ޓްވީޓް ގިނަ ބަޔަކު ރިޓްވީޓްކޮށްފައި ވާއިރު އޭގެ ތެރޭގައި ޕީޕީއެމްއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ހިމެނެއެވެ.

ގާނޫނު އަސާސީ ހިމާތްކުރުމުގެ ނަމުގައި އެމްޑީޕީ-ޖޭޕީން ސިލްސިލާ މުޒާހަރާތައް ކުރަމުން އަންނަތާ މިހާރު ހަފްތާއަކަށްވުރެ ގިނަ ދުވަސްވެއްޖެ އެވެ. ސިލްސިލާ މުޒާހަރާގެ ދަށުން ރޭ ކުރި މުޒާހަރާގައި ވެސް ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް މިނިވަން ކުރުމަށް ވަނީ ގޮވާލާފަ އެވެ.