ޏ. ފުވައްމުލަކުގައި ފައިބަރު ދޯންޏަކާއި ލަކުޑި ބޯޓެއް ބަންނަމުން ދިޔަ ހަރުގެއެއްގެ ތެރޭގައި އަލިފާން ރޯވެ، ހަރުގޭގެ ތެރޭގައި ހުރި ބައެއް ސާމާނަށް ބޮޑެތި ގެއްލުން ވެއްޖެ އެވެ.

ފުވައްމުލަކު ބޮޑު ކަތީބު މުނީރު ހަސަން މިއަދު ވިދާޅުވީ އަލިފާން ރޯވި ކަން އެނގުނީ މިއަދު 3:00 ޖަހާއެހާކަންހާއިރު ކަމަށާއި ރޯވިކަން އެނގުނީ އެހިސާބުން ސައިކަލެއްގައި ދިޔަ ބަޔަކަށް ކަމަށެވެ. ނަމަވެސް އަލިފާން ރޯވި ވަގުތު ހަރުގޭގައި އެއްވެސް މީހަކު ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފުވައްމުލަކު ބަނދަރު ސަރަހައްދުގައި ހުރި ހަރުގޭގައި ރޯވެފައިވާ އަލިފާން ގަނޑު ވަނީ ރޯވިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ނިންވާލައިފަ އެވެ. އަދި ހަމައެކަނި އަލިފާން ރޯވެފައި ވަނީ އެވަގުތު ބިންމަތީގައި ބަހައްޓާފައި ހުރި ލަކުޑިތަކެއްގަޔާއި ފުލައިވުޑް ފިލާތަކެއްގެ އިތުރުން ހަރުގޭގައި ޖަހާފައި ހުރި ޓިނު ތަކުގަ އެވެ.