19 Feb 2015, 10:14
ވޮޝިންޓަން (ފެބްރުއަރީ 19) : ހުޅަނގުގެ ބާރުތަކާއި އީރާނާ ދެމެދު ކުރިޔަށްދާ ނިއުކްލިޔާ ވާހަކަތަކާ ބެހޭ ދޮގު މަޢްލޫމާތު އިސްރާއީލުން ފަތުރަމުން ގެންދާ ކަމަށް އެމެރިކާ ތުހުމަތުކޮށްފި އެވެ.
އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ ތަރްޖަމާން ޖޯޝް އާނެސްޓް ވިދާޅުވީ އެމެރިކާ ވެސް ހިމެނޭގޮތަށް ހުޅަނގުގެ ބާރުތަކާއި އީރާނާ ދެމެދު ކުރިޔަށްދާ ނިއުކްލިޔާ ވާހަކަތަކާ ބެހޭ ދޮގު މަޢްލޫމާތު ފަތުރައިގެން ރައީސް ބަރަކް އޮބާމާގެ ސަރުކާރު ބަދުނާމު ކުރުމަށް އިސްރާއީލުގެ ސަރުކާރުން މަސައްކަތް ކުރާކަމަށާއި މިއީ ގަބޫލުކުރެވޭނެ ކަމެއް ނޫންކަމުގަ އެވެ.
ހުޅަނގުގެ ބާރުތަކާއި އީރާނާ ދެމެދު ކުރިޔަށްދާ ނިއުކްލިޔާ ވާހަކަތައް ކާމިޔާބުވެދާނެތީ ކަންބޮޑުވުން ފާޅުކޮށް އެ ވާހަކަތަކާ ދެކޮޅަށް އިސްރާއީލުގެ ހަރުކަށި ވެރިން ގެންދަވަނީ ވާހަކަ ދައްކަވަމުންނެވެ. މީގެ އިތުރުން މިވާހަކަތައް ހުއްޓާލުމަށް އެމެރިކާގެ ޒަޔަނިސްޓް ލޮބީ ގްރޫޕްތައް މެދުވެރިކޮށް ރައީސް ބަރަކް އޮބާމާގެ ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރާ ކަމުގެ ތުހުމަތު ވެސް އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫގެ މައްޗަށް ވަނީ ކުރެވިފަ އެވެ.
މިއީ އީރާނުގެ ނިއުކްލިޔާ ވާހަކަތަކާ ބެހޭ ގޮތުން އިސްރާއީލުން ދޮގު މަޢްލޫމާތު ފަތުރާކަމަށް ބުނެ އެމެރިކާ އިން މިހާ ފާޅުކަން ބޮޑުގޮތެއްގައި އިސްރާއީލަށް ނުރުހުން ފާޅުކުރި ފުރަތަމަ ފަހަރެވެ. އިސްރާއީލަށް ފާޑުކިޔުމާއި އިސްރާއީލު ހިންގާ ހަރުކަށި އަމަލުތަކަށް ރައްދު ދިނުމަކީ ކުށެއްގެ ގޮތުގައި އެމެރިކާގައި ސިފަކުރެވޭ ކަމެކެވެ. އެހެންކަމުން އިސްރާއީލުން އެމެރިކާ އަށް ޖާސޫސުކުރުމުގެ މައްސަލަ ފެންމަތިވެފައިވާ ވަގުތުތަކުގައި ވެސް އެމެރިކާގެ މަސްއޫލުވެރިން އިސްރާއީލު ކުށްވެރި ކުރެއްވުމަށް ފަސްޖެހިވަޑައިގަންނަވަ އެވެ.
އެމެރިކާއާ ނުލައި އިސްރާއީލު އެކަނި ވެސް އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް ހަމަލާ ދޭނެކަމަށްބުނެ އިސްރާއީލުން އެތައް ފަހަރަކު އީރާނަށް އިންޒާރު ދީފައިވެ އެވެ. އަރަބި ގައުމެއް ނޫން ނަމަވެސް މެދުއިރުމަތީގެ އިސްލާމީ ގައުމެއް ޓެކްނޮލޮޖީގެ ގޮތުންނާއި އަސްކަރީ ބާރުގެ ގޮތުން އިސްރާއީލަށް ގޮންޖެހާލެވޭ ހިސާބަށް ގޮސްފާނެތީ އިސްރާއީލު ކަންބޮޑުވެ އެވެ. ފަލަސްތީނުގެ ބިންތައް ގަދަބާރުން ހިފައިގެން އިސްރާއީލަށް ދެމިއޮވެވެނީ ޓެކްނޮލޮޖީގެ ގޮތުންނާއި އަސްކަރީ ބާރުގެ ގޮތުން އިސްރާއީލަށް ގޮންޖެހާލެވޭ ފަދަ އިސްލާމީ ގައުމެއް މެދުއިރުމަތީ ސަރަހައްދުގައި ނެތުމުން ކަމަށާއި އީރާންދެކެ އިސްރާއީލު ޖެހިލުންވަނީ އީރާނުގެ ކާމިޔާބު ނިއުކްލިޔާ ޕްރޮގްރާމާއި މިސައިލް ޕްރޮގްރާމާއި ފަޒާގެ ޕްރޮގްރާމްތަކާ ގުޅިގެން ކަމަށް މުޙައްލިލުން ދެކެއެވެ. (ނޫސްއެޖެންސީތައް)