މާލޭގައި މިހާރު ކުރިއަށްގެންދާ ސިޔާސީ އެއްވުންތަކާ ގުޅިގެން، ބްރޯޑްކާސްޓް މީޑިއާގެ ބައެއް ފަރާތްތަކުން ފޮނުވަމުންދާ ކޮންޓެންޓްގައި، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފު ކޮންޓެންޓް ހިމެނޭ ކަމަށް ބެލެވޭތީ އެ ކަމަށް ސަމާލުވުމަށް ބްރޯޑްކާސްޓަރުންނަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިލްތިމާސްކޮށްފި އެވެ.

އެ ކޮމިޝަނުން ރޭ ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ މިހާރު މާލޭގައި ކުރިއަށްގެންދާ ސިޔާސީ އެއްވުންތަކާ ގުޅިގެން، ބްރޯޑްކާސްޓް މީޑިއާގެ ބައެއް ފަރާތްތަކުން ފޮނުވަމުންދާ ކޮންޓެންޓްގައި، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފު ކޮންޓެންޓް ހިމެނޭ ކަމަށް ބެލެވޭ ކަމަށާއި އެހެންކަމުން އެކަންކަން އެކޮމިޝަނުން ބަލަމުންދާ ކަމަށެވެ.

އެ ކޮމިޝަނުން ވަނީ މާލޭގައި މިހާރު ކުރިއަށްގެންދާ ސިޔާސީ އެއްވުންތަކާ ގުޅިގެން، ޤައުމުގެ އަމަންއަމާންކަން ގެއްލި، ހަމަނުޖެހުމަކަށް ހިތްވަރު ލިބި، ޙަޤީގަތް އޮޅިގެންދާ ގޮތަށް ބްރޯޑްކާސްޓް ނުކުރުމަށް އިލްތިމާސްކޮށްފައެވެ.

"ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 37 ވަނަ މާއްދާގެ ދަށުން އެކުލަވާލާފައިވާ ކޯޑް އޮފް ޕްރެކްޓިސްގައި ކަނޑައަޅާފައިވާ ހަމަތަކާއި މިންގަނޑުތަކަށް ސަމާލުވުމަށާއި، ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ 55 ވަނަ މާއްދާއާ އެއްގޮތަށް ބްރޯޑްކާސްޓްކުރުމަށް އެންމެހައި ބްރޯޑްކާސްޓަރުންނަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިލްތިމާސްކުރަމެވެ." އެ ކޮމިޝަނުން ނެރުނު ސާކިއުލާގައި ވަނީ ބުނެފައެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ނެރުނު ސާކިއުލާގައި މުޒާހަރާފަދަ އެއްވުންތައް ކަވަރު ކުރުމަށް ހަރަކާތްތެރިވާ މީޑިއާގެ ހުރިހާ ފަރާތްތަކުން ވެސް ސުލްހަވެރިކަމާއެކު، އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ 54 ވަނަ މާއްދާއާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސްކޮށްފައިވެ އެވެ.