އދ. މަޖިލިސް (ފެބްރުއަރީ 19) : ލީބިޔާ އިން އައިއެސް ޖަމާއަތް ނައްތާލުމަށް ޓަކައި ބައިނަލްއަގްވާމީ ލަޝްކަރެއް ލީބިޔާ އަށް ފޮނުވުމަށް ގޮވާލާ ގަރާރެއް އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅުމަށް މިސްރުން ކުރި މަސައްކަތަށް ބައިނަލްއަގްވާމީ މުޖްތަމައުގެ ތާއީދު ނެތުމުގެ ސަބަބުން އެކަން ނާކާމިޔާބުވެއްޖެ އެވެ.

ލީބިޔާ އިން އައިއެސް ޖަމާއަތް ނައްތާލުމަށް ޓަކައި ބައިނަލްއަގްވާމީ ލަޝްކަރެއް ލީބިޔާ އަށް ފޮނުވުމަށް ގޮވާލާ ގަރާރެއް ހުށަހެޅުމަށް މިސްރުން ކުރި މަސައްކަތް ނާކާމިޔާބުވީ އދ.ގައި ހަރަކާތްތެރިވާ އަރަބި ގައުމުތަކުގެ ދާއިމީ މަންދޫބުން ހިމެނޭ ޑިޕްލޮމެޓިކް ގްރޫޕުން އެކަމާ ކަނޑައެޅިގެން ދެކޮޅުހެދުމުންނެވެ. މީގެ އިތުރުން ލީބިޔާގައި ވާދަވެރި ދެ ސަރުކާރު އޮތުމުގެ ސަބަބުން ޓެރަރިސްޓް ޖަމާއަތްތަކުގެ މަރުކަޒަކަށް ލީބިޔާ ވެދާނެކަމުގެ ބިރުހީވެފައި ވާތީ ލީބިޔާ އިން ޓެރަރިޒަމް ނައްތާލެވޭނީ ވާދަވެރި ސިޔާސީ ފަރާތްތައް އެއްގަލަކަށް އަރުވައި ލީބިޔާގައި ވަތަނީ އެއްބައިވަންތަ ކަމުގެ ސަރުކާރެއް އުފައްދައިގެންކަން ހުޅަނގުގެ ބާރުތަކުން ގަބޫލުކުރާތީ ހުޅަނގުގެ ބާރުތަކުން ވެސް ވަނީ މިސްރުން ހުށަހަޅަން މަސައްކަތްކުރާ ގަރާރަށް ތާއީދުނުކުރާނެކަން ޑިޕްލޮމެޓިކް ގޮތުން ހާމަކޮށްފަ އެވެ.

މި ނާކާމިޔާބީ އާ ގުޅިގެން މިސްރުގެ ޚާރިޖީ ވުޒާރާ އިން ބުނީ ލީބިޔާ އަށް ބައިނަލްއަގްވާމީ ލަޝްކަރެއް ފޮނުވުން ހިމެނިފައިނުވާ އެހެން ގަރާރެއް ސަލާމަތީ މަޖިލީހަށް މިއަދު ހުށަހެޅުމަށް މަސައްކަތް ކުރަމުން ގެންދާކަމުގަ އެވެ. ލީބިޔާގައި މިހާރު އޮތް ދެ ސަރުކާރުގެ ތެރެއިން މިސްރު ތާއީދުކުރަނީ އަބްދުﷲ އައްޘަނީގެ ސަރުކާރަށެވެ. އައްޘަނީގެ ސަރުކާރަށް ހަތިޔާރާއި އދ.ގެ އެއްބާރުލުން ހޯދައިދީގެން ލީބިޔާގެ އަނެއް ސަރުކާރު ކަމަށްވާ ޑރ. އުމަރުލްޙާސީގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރުވުމަށް މިސްރު ގެންގުޅުނު ވިސްނުމަށް އަރަބި ގައުމުތަކުގެ އިތުރުން އެމެރިކާ އާއި ޔޫރަޕްގެ ގައުމުތައް ވެސް ވަނީ ފާޅުގައި ދެކޮޅު ހަދާފަ އެވެ. ނަތީޖާއެއްގެ ގޮތުން އައިއެސް ޖަމާއަތާ ހަނގުރާމަ ކުރުމަށް ޓަކައި ބައިނަލްއަގްވާމީ ލަޝްކަރެއް ލީބިޔާއަށް ފޮނުވުމަށް މިސްރުގެ ރައީސް އަބްދުލްފައްތާޙް އައްސީސީ ގޮވާލެއްވި ގޮވާލުމަށް އަރަބިންނާއި ހުޅަނގުގެ ތާއީދުނެތްކަން ހާމަވުމުން މިސްރަށް ވަނީ މިވިސްނުން ދޫކޮށްލަން މިހާރު މަޖްބޫރުވެފަ އެވެ.

މިސްރުގެ މިވިސްނުމަށް ބައިނަލްއަގްވާމީ މުޖްތަމައުގެ ތާއީދުނެތްކަން އެނގުމުން ލީބިޔާގެ ވާދަވެރި ދެ ސަރުކާރުގެ ތެރެއިން ވަކިސަރުކާރެއްގެ ކޮޅަށްނުޖެހި އެ ދެ ސަރުކާރު ސުލްޙަ ކުރުވައިގެން ލީބިޔާގެ ދާޚިލީ މައްސަލައަށް ސިޔާސީ ޙައްލެއް ހޯދުމަށް އަރަބި ގައުމުތަކާއި ހުޅަނގުން ގެންގުޅޭ ސިޔާސަތުތަކަށް ތާއީދުކުރަން ވެސް މިސްރަށް ޖެހިފައިވާ ކަމަށް އަލްޖަޒީރާ ބުނެ އެވެ. އެހެންކަމުން ލީބިޔާގެ މައްސަލާގައި މިސްރުން އދ.ގެ ސަލާމަތީ މަޖިލީހަށް މިއަދު ހުށަހެޅުމަށް މަސައްކަތްކުރާ ގަރާރުގެ ދެލިކޮޕީގައި އައިއެސް ޖަމާއަތާ ހަނގުރާމަ ކުރުމަށްޓަކައި ލީބިޔާ އަށް ބައިނަލްއަގްވާމީ ލަޝްކަރެއް ފޮނުވުމަށް އެދިފައެއް ނުވާކަމަށް ޚަބަރުތައް ބުނެ އެވެ.

ލީބިޔާ އަށް ބައިނަލްއަގްވާމީ ލަޝްކަރެއް ފޮނުވުމުގެ ގަރާރެއް ސަލާމަތީ މަޖިލީހުން ފާސްކުރުމަށް މިސްރުން މަސައްކަތްކޮށްފައި ވަނީ ލީބިޔާގައި ހަރަކާތްތެރިވާ އައިއެސް ޖަމާއަތުގެ ގޮފިން މިސްރުގެ 21 މީހުން ވަގަށްނެގުމަށް ފަހު އެމީހުން ކަތިލައިގެން މަރާލުމާ ގުޅިގެންނެވެ. އައިއެސްގެ މިޖަރީމާއާ ގުޅިގެން މިސްރުގެ ވައިގެ ސިފައިން ވަނީ ލީބިޔާގެ ދަރްނާ ސިޓީއަށް ވައިގެ ޙަމަލާތަކެއް ވެސް ދީފަ އެވެ.

ލީބިޔާ އަށް ބައިނަލްއަގްވާމީ ލަޝްކަރެއް ފޮނުވުމަށް ސީސީ ގޮވާލެއްވި ގޮވާލެއްވުމަށް އަރަބިންނާއި ހުޅަނގުގެ ބާރުތަކުން އިޖާބަ ނުދިނީ ލީބިޔާފަދަ ބޮޑުގައުމަކަށް އެއްގަމު މަގުން އަރައިގެން އައިއެސްފަދަ ހަރުކަށި ޖަމާއަތްތަކާ ދެކޮޅަށް ކާމިޔާބު މަސައްކަތްތަކެއް ކުރެވޭނެ ކަމުގެ އެއްވެސް ގެރެންޓީއެއް ނެތުމުގެ އިތުރުން ޚަރަދުގެ ގޮތުންވެސް މިކަން ކުރުން ދަތިވާނެތީ ކަމަށް މުރާސިލުން ބުނެއެވެ.
އައިއެސްއާ ދެކޮޅަށް ވައިގެ ޙަމަލާތައް ދިނުމަށް އެމެރިކާ ރުކުރުވާލާފައިވާ ލަޝްކަރަށްވެސް މިހާތަނަށް އެޖަމާއަތުގެ މައްޗަށް މާބޮޑު ކާމިޔާބީއެއް ހޯދިފައެއް ނުވެ އެވެ. (އަލްޖަޒީރާ)