ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ 2-0 ގެ ނަތީޖާއަކުން ޝާލްކޭ 04 ބަލިކޮށް، ޗެންޕިއަންސް ލީގުގައި ޖެހިޖެހިގެން އެންމެ ގިނަ މެޗުތައް ކާމިޔާބުކުރި ބެޔާން މިއުނިކްގެ ރެކޯޑާ ރެއާލް މެޑްރިޑް ހަމަހަމަ ކޮށްފި އެވެ.

ޗެންޕިއަންސް ލީގުގައި ޖެހިޖެހިގެން 10 މެޗު ކާމިޔާބުކޮށް، އެ ރިކޯޑް އާ ކޮށްފައި ވަނީ މި ސީޒަންގެ ޖަރުމަނު ބުންޑަސްލީގާ، 8 ޕޮއިންޓުގެ ތަފާތަކުން ލީޑު ކުރަމުންދާ ބެޔާން މީގެ ދެ އަހަރު ކުރިންނެވެ. ނަމަވެސް ރޭ ޝާލްކޭގެ މައްޗަށް ރެއާލް ހޯދި ކާމިޔާބީއާއެކު އެ ޓީމް މިހާރު ވަނީ އެ ރިކޯޑާ ހަމަހަމަ ކޮށްފައެވެ.

އޭގެ އިތުރުން ރޭގެ މެޗުގައި ރެއާލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބު ކުރި އޭނާގެ 73 ވަނަ ލަނޑާއެކު، ޗެންޕިއަންސް ލީގުގެ އޯލް ޓައިމް ޓޮޕް ސްކޯރަރގެ މަގާމު 75 ލަނޑާއެކު މިހާރު ހިފަހައްޓަމުން އަންނަ ލައޮނަލް މެސީއާ ދެ ގޯލް ގާތަށް އޭނާ ވަނީ ޖެހިލާފައެވެ.

ރޭގެ މެޗުގައި ރެއާލްއަށް ޝާލްކޭގެ ގޯލު ހުޅުވަދިނީވެސް ރޮނާލްޑޯ އެވެ. މެޗުގެ 26 ވަނަ މިނެޓުގައި ރެއާލްގެ ޑިފެންޑަރު ކަރްވަހަލް ނައިގައިދިން ބޯޅަ ޝާލްކޭގެ ގޯލް ތެރެއަށް ރޮނާލްޑޯ ފޮނުވާލީ ކީޕަރުގެ ބޯ މަތިންނެވެ.

މެޗުގެ ފުރަތަމަ ވަގުތު ކޮޅުގައި ގޭމް ކޮންޓްރޯލް ކުރަމުން ދިޔައީ ރެއާލް އެވެ. ނަމަވެސް ފުރަތަމަ ހާފްގައި ރަނގަޅު ޑިފެންސިވް އުކުޅުތަކެއް ފެނިގެން ދިޔަ ޝާލްކޭގެ ޑިފެންސް ލައިން ވަނީ ރެއާލް ލީޑު ފުޅާކޮށްލިޔަ ނުދީ ހިފައްޓާލާފައެވެ.

ފުރަތަމަ ހާފްގައި ރެއާލްގެ ގޯލަށް ޝާލްކޭ އުފައްދަން މަސައްކަތްކުރި ދެ ހަމަލާއެއްގެ ބޭނުން އެ ޓީމްގެ މިޑްފީލްޑަރު ޑެނިސް އެގޯއަށް ވަނީ ހިފޭ ގޮތް ނުވެފައެވެ. ނަމަވެސް ރެއާލްއަށް ރޮނާލްޑޯ ލީޑު ހޯދަދިނުމުގެ އެއް މިނެޓުކުރިން ޝާލްކޭގެ ފޯވާޑް ހަންޓެލާ ފޮނުވާލި ބާރު ޝޮޓަކާއެކު ރެއާލްގެ ކީޕަރު ކަސިޔަސްއަށް ނުރައްކާތެރި ބޯޅައެއް މަތަކުރަން މަޖުބޫރު ކުރުވާފައެވެ.

ދެވަނަ ހާފްގައި ރެއާލްގެ ފޯވާޑް ލައިނުން މާ ރަނގަޅު ހަމަލާތަކެއް އުފެއްދިތަން ފެނިފައި ނުވާއިރު، އެ ހާފްގައި ޝާލްކޭއަށް ލިބުނު އެންމެ ރަނގަޅު ފުރުސަތުގައި އެ ޓީމްގެ ސްޓްރައިކަރު ފެލިކްސް ޕްލެޓް ފޮނުވާލި ބާރު ޝޮޓު އަމާޒުވީ ރެއާލް ގޯލުގެ ހުރަސް ދަނޑިއަށެވެ.

އެ ހަމަލާއާއެކު ރެއާލް މެޗުގެ ސްޕީޑް އަވަސްކޮށް، ލީޑު ފުޅާކޮށްލަން ކުރި މަސައްކަތް ކާމިޔާބުވީ 79 ވަނަ މިނެޓުގައި ރެއާލްގެ ބްރެޒިލް ޑިފެންޑަރު މަރސެލޯ ފޮނުވާލި ބާރު ޝޮޓު ޝާލްކޭގެ ގޯލް ކަނަށް އަމާޒުވުމުންނެވެ.

އެ ލަނޑާއެކު އަމިއްލަ ދަނޑުގައި މެޗު ކުޅެމުން ދިޔަ ޝާލްކޭ، ރެއާލްގެ އަތް ދަށުވިއިރު، ޗެންޕިއަންސް ލީގު ގަދަ 16ގެ ދެވަނަ ލެގުގައި ދެން އެ ދެ ޓީމް ބައްދަލުކުރާނީ ރެއާލްގެ ދަނޑުގައި އަންނަ މަހުގެ 10 ވަނަ ދުވަހު އެވެ.