19 Feb 2015, 09:24
ސުވިޒަލެންޑްގައި ހުންނަ އެޗްއެސްބީސީ ބޭންކަށް އެ ގައުމުގެ ފުލުހުން ވަދެ ބޭންކުގެ ލިޔުންތައް ޗެކް ކުރަން ފަށައިފި އެވެ.
ޖެނީވާގައި ހުންނަ އެޗްއެސްބީސީ ބޭންކަށް އެގައުމުގެ ފުލުހުން ވަދެފައި މިވަނީ ޓެކުހަށް މަކަރު ހެދުމަށް އެ ބޭންކުން އެހީތެރިވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. މިކަމާ ގުޅިގެން އެޗްއެސްބީސީން ބުނެފައި ވަނީ، ސުވިޒަލޭންޑްގެ ކަމާބެހޭ ފަރާތްތަކަށް ފުރިހަމައަށް އެއްބާރުލުން ދެމުން އަންނަ ކަމަށެވެ.
އެޗްއެސްބީސީ ބޭންކުގެ މި ތަހުގީގުގައި އެ ބޭންކުގެ މުވައްޒަފުންގެ އިތުރުން ޓެކުހަށް މަކަރުހެދުން ނުވަތަ އޮޅުވާލުމުގައި ބައިވެރިވެފައިވާ ހުރިހާ ފަރާތްތަކާ ސުވާލު ކުރާނެ ކަމަށް ސްވިޒެލެންޑްގެ ފުލުހުން ވަނީ ބުނެފަ އެވެ.
އެޗްއެސްބީސީން ވަނީ މިކަމަށް މާފަށްވެސް އެދިފަ އެވެ. އަދި ފާއިތުވި ހަފްތާ ބަންދުގައި އެ ބޭންކުން ވަނީ ބައެއް ނޫސްތަކުގެ ސަފްހާތައް ގަތުމަށް ފަހު މާފަށް އެދޭ ކަމުގެ ލިޔުން ޝާއިއުކޮށްފަ އެވެ. އަދި އެ ބޭންކުގެ ހަމަތަކާއި އުސޫލްތަކަށް ނުފެތޭ އެކައުންޓްތައް ބަންދުކޮށްފައިވާ ކަމަށް ބޭންކުގެ ސީއީއޯ ވަނީ ވިދާޅުވެފަ އެވެ.
ލީކުވެފައިވާ ލިޔެކިޔެތަކުން ފެންނަ ގޮތުގައި 1100 އަށް ވުރެ ގިނަ މީހުން ޓެކްސް ނުދައްކަން އެޗްއެސްބީސީން ވަނީ އެހީތެރިވެފަ އެވެ.
އެޗްއެސްބީސީއާ ދެކޮޅަށް ޖިނާއީ ދައުވާކުރާނެ ކަމަށް ބެލެވޭ އެހެން ގައުމުތަކުގެ ތެރޭގައި އެމެރިކާ، ފްރާންސް، ބެލްޖިއަމް އާޖެންޓީނާ ހިމެނެ އެވެ. އެހެންނަމަވެސް އެޗްއެސްބީސީގެ މައި އިދާރާ ހުންނަ އިނގިރޭސވިލާތުން ދައުވާ ކުރުމަށް އަދި ނިންމާފައެއް ނުވެއެވެ.
އެޗްއެސްބީސީން ޓެކްސް ދެއްކުމުގައި މަކަރުހަދާފައިވާ ކަމަށް ބުނެ އެ ބޭންކުގައި ހުޅުވާފައިވާ އެކައުންޓްތަކުގެ ތަފްސީލް ތައް ލީކުކޮށްލީ 2008 ވަނަ އަހަރު އެ ބޭންކުގެ މުވައްޒަފެކެވެ. މި މައްސަލަ އަނެއްކާ ފެންމަތިވެގެން މިއުޅެނީ ބީބީސީން އެޗްއެސްބީސީގެ އެކައުންޓްތައް ދިރާސާ ކުރުމަށްފަހު ޓެކުހަށް މަކަރު ހަދާފައިވާ ކަމުގެ ރިޕޯޓްތައް އާއްމުކުރުމާއި ގުޅިގެންނެވެ.