18 Feb 2015, 23:44
ޗައިނާ ސަރުކާރާ ހަވާކުކޮށްގެން ލަންކާގައި ހަދާ 1.5 ބިލިއަން ޑޮލަރުގެ ޕޯޓް ޕްރޮޖެކްޓާއި ރިއަލް އެސްޓޭޓް މަޝްރޫއު ފައްޓާފައި ވަނީ ކެބިނެޓުން ފާސްކޮށްގެން ނޫން ކަމަށާއި އަދި އުސޫލުތަކާ އެއްގޮތަށް ނޫން ކަމަށް ލަންކާގެ ބޮޑުވަޒީރު ރަނިލްވިކްރަމަ ސިންހާ ވިދާޅުވެއްޖެ އެވެ.
ބޮޑުވަޒީރު ވިދާޅުވީ އެ މަޝްރޫއު ފެއްޓުމުގައި ކޮރަޕްޝަނުގެ އެއްވެސް އަމަލެއް ހިންގާފައިވޭތޯ ބެލުމަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ޕޯޓާ އިންވެގެން އޮފްޝޯ ޑިވެލޮޕްމަންޓެއް ގާއިމު ކުރުމަށް ބިން ހިއްކުމުގެ މަޝްރޫއުއެއް ޗައިނާއާ އެކު ފެއްޓީ ލަންކާގެ ކުރީގެ ސަރުކާރުންނެވެ.
ފާޑުކިޔާ ފަރާތްތަކާ ހަވާލާދީ ރޮއިޓާްސް އިން މިއަދު ބުނީ އެ މަޝްރޫއުގެ ތަފްސީލު އާންމުންނަށް ނޭނގޭ ކަމަށާއި އަދި ތިމާވެށީގެ ރިޕޯޓް ވެސް އާންމު ނުކުރާ ކަމަށެވެ.
ކޮލަމްބޯ ޕޯޓާ އިންވެގެން 20 ހެކްޓަރުގެ ބިން ފްރީ ހޯލްޑް އުސޫލުން ޗައިނާ ސަރުކާރު ކުންފުންޏަކަށްދޭ ގޮތަށް ހަދާފައިވާ އެއްބަސްވުމާ މެދު އިންޑިއާ އިން ވަނީ ދެކޮޅު ހަދައިފަ އެވެ. އެ ތަނުގައި ހަދަނީ ޓްރާންޝިޕްމަންޓް ބަނދަރެކެވެ. އަދި އެ ބަނދަރުން ފަހުން އިންޑިއާ އަށް ހިދުމަތް ދޭނެ ކަމަށް ވެސްވެ އެވެ.
ރަނިލް ވިކްރަމަ ސިންހާ އިދިކޮޅު ލީޑަރަށް ހުންނެވި އިރު އޭނާ ވިދާޅުވެފައި ވަނީ އޭނާގެ ސަރުކާރެއްގައި އެ މަޝްރޫއު ހުއްޓާލާނެ ކަމަށެވެ.
މިއަދު ރަނިލް ވިދާޅުވީ އެ މަޝްރޫއު ހަވާލުކޮށްފައި ވަނީ ރަނގަޅަށްތޯ ބަލައި ތަހްގީގު ކުރުމަށް ދެ ކޮމެޓީއަކާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި މިހާތަނަށް ފެންނަ ނަތީޖާއަށް ބަލާ އިރު، ގާނޫނާ ހިލާފުކަންކަން ހިނގާފައިވާ ކަމަށެވެ. ނަމަވެސް އެ މަޝްރޫއު ހުއްޓާލުމަކަށް ސަރުކާރަކުން ނުނިންމަ އެވެ.
ރަނިލް ވިދާޅުވީ އެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ދެފުށް ފެންނަ ގޮތަށް ނޫން ކަމަށާއި އަދި ގާނޫނާ ހިލާފަށް ކަމަށެވެ. އަދި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ކެބިނެޓުން ފާސްނުކޮށް ކަމަށެވެ.
އެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކުރުމުގައި ހިލާފުވެފައި ވަނީ ކޮންކޮން ގާނޫނުތަކަކާ ކަމެއް ބޮޑުވަޒީރު ވިދާޅެއް ނުވެ އެވެ. ނަމަވެސް އޭނާ ވިދާޅުވީ އެ މައްސަލަ ބަލައި ނިމޭ އިރު ގާނޫނާ ހިލާފު ކަމެއްވާ ނަމަ ނޫނީ ކޮރަޕްޝަންގެ އަމަލެއް ހިންގުމުގެ އިތުރަށް، ގައުމަށް ގެއްލުންވާނެ ކަމެއްްވާ ނަމަ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.
ޗައިނާ އިން މަސައްކަތް ކުރަނީ އެ މީހުންގެ އިންވެސްޓްމަންޓް ހިމާޔަތް ކުރެވޭނެ ގޮތަކާ ބެހޭ ގޮތުންނެވެ. ލަންކާގެ ފޮރިން މިނިސްޓަރު އަންނަ ހަފްތާގައި ޗައިނާ އަށް ވަޑައިގަންނަވާނެ އެވެ. އަދި ރައީސް މައިތިރިޕާލާ ސިރިސޭނާ ވެސް އަންނަ މަހު ފަހުކޮޅު ޗައިނާ އަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.
ކޮލަމްބޯގައި ހުންނަ ޗައިނާ އެމްބަސީގެ އޮފިޝަލުން ވިދާޅުވީ ޕޯޓް މަޝްރޫއު ތަހްގީގުކުރުމާ މެދު ޗައިނާގެ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. ނަމަވެސް ވިދާޅުވީ ބައިނަލްއަގުވާމީ ހަމަތަކުން ބަލާ އިރު، ޑިމޮކްރެޓިކް ސަރުކާރުތަކުން، ކުރީގެ ސަރުކާރުތަކުން ހަދާފައިވާ އެގްރީމަންޓްތައް ދަމަހައްޓަން ޖެހޭނެ ކަމަށެވެ.
ބޮޑުވަޒީރު ޕޯޓް މަޝްރޫއުއާ ބެހޭ ގޮތުން މި މޭރުމުން މި ވާހަކަ ދެއްކެވީ އިންޑިއާގެ ދައުވަތަކަށް ލަންކާގެ ރައީސް އިންޑިއާ އަށް ކުރެއްވި ހަތަރު ދުވަހުގެ ދަތުރު ތެރޭގައި އުޅުއްވަނިކޮށެވެ.
ކެބިނެޓް ތަރުޖަމާނު ރަޖިތާ ސެނެރަތުނަ މި މަހު 5 ވަނަ ދުވަހު ވިދާޅުވީ ޗައިނާއާ އެކު ހަދާފައިވާ ޕޯޓް މަޝްރޫއު ލަންކާގެ އައު ސަރުކާރުން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންހާ ފަހުން ވިދާޅުވީ އެ މައްސަލައާ މެދު އަދި ގޮތެއް ނުނިންމާ ކަމަށެވެ.
ލަންކާގެ ޕޯޓް ސިޓީ ޕްލޭންކޮށްފައި ވަނީ 233 ހެކްޓަރުގެ ބިން ހިއްކާ ގޮތަށެވެ. ދެ ފަރާތުން އެއްބަސްވެފައިވާ ގޮތުން 108 ހެކްޓަރުގެ ބިމުގައި އިންވެސްޓް ކުރުމުގެ ފުރުސަތު ޗައިނާގެ ކޮމިއުނިކޭޝަން ކޮންސްޓްރަކްޝަންސް ކޮމްޕެނީ ލިމިޓެޑަށް ލިބެ އެވެ. އަދި 20 ހެކްޓަރުގެ ބިން ފްރީ ހޯލްޑްކޮށް، 99 އަހަރަށް އެ ކުންފުންޏަށް ލިބެ އެވެ.
އެ ތަނުގައި ޗައިނާ އިން ތައްޔާރު ކުރާ ތަންތަނުގެ ތެރޭގައި ޝޮޕިން މޯލާއި ވޯޓާ ސްޕޯޓްސް، ގޮލްފް، ހޮޓާތައް، އެޕާޓްމަންޓްތަކާއި މެރީނާތައް ތަރައްގީ ކުރުން ހިމެނެ އެވެ.