މާލޭގައި މިރޭ ހިނގި އެކްސިޑެންޓަކާ ގުޅިގެން ދެ މީހެއްގެ ދެމެދުގައި ހިނގި ޒުވާބެއް ހަމަނުޖެހުމަކަށް ބަދަލުވެ މާރާމާރީ ހިންގައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ރަތްވިލާ ހިންގުމާ ލޮނުޒިޔާރަތް މަގާ ގުޅުނު ކަންމަތީގައި މިރޭ 7:35 ހާއިރު ހިނގި އެ މާރާމާރީގައި މީހެއްގެ ބޯ ފަޅާލައިފައިވާ ކަމަށެވެ. އަދި އެމީހާއަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ މާރާމާރީ ހިނގާފައިވަނީ ދެ މީހެއްގެ ތެރޭގައި ހިނގި ޒުވާބެއްގެ ތެރެއަށް ބަޔަކު ވަދެ ހިންގި ހަމަނުޖެހުމެއްގައެވެ. ހަމަނުޖެހުން ހިންގުމަށްފަހު އެމީހުން ވަނީ ފިލާފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މާރާމާރީއާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުނުކުރާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.