14 Feb 2011, 15:26
މާލީ ތަނަވަސްކަމެއް ނެތް ފަރާތްތަކަށާއި މާލީ ތަނަވަސްކަން ކުޑަ ފަރާތްތަކަށް ހިލޭ ޤާނޫނީ ލަފާ ދިނުމާއި ޤާނޫނީ ބައެއް ޚިދުމަތްތައް ދިނުމަށް ސޫދު އަންވަރު އެންޑް ކޯ އިން ހަމަޖައްސައިފި އެވެ.
އެ ލޯ ފާމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބަންދު ނޫން ކޮންމެ ދުވަހަކު އެއް ގަޑި އިރަށް އެ ހިދުމަތް ދިނުމަށް ހަމަޖައްސާފައިވާ ކަމަށާއި އެ ހިދުމަތް ދޭނީ ބަންދު ނޫން ކޮންމެ ދުވަހަކު ހަވީރު 4 އިން 5 އަށެވެ.
އެ ފާމުން ބުނި ގޮތުގައި މާލީ ތަނަވަސްކަމެއް ނެތް ފަރާތްތަކަށާއި މާލީ ތަނަވަސްކަން ކުޑަ ފަރާތްތަކަށް ހިލޭ ޤާނޫނީ ލަފާ ދިނުމުގައި އިސްވެ ހުންނަވާނީ ކުރީގެ ބަންޑާރަނައިބު އަދި އެ ލޯފާމްގެ ޤާނޫނީ ވަކީލު ޙުސްނުއްސުއޫދު ކަމަށެވެ.
އެ ހިދުމަތަށް އެދިވަޑައިގަތުމަށް ގުޅާނެ ނަމްބަރެއް ވެސް އެ ފާމުން ވަނީ އާންމުކޮށްފަ އެވެ. އެ ނަމްބަރަކީ 3344911 އެވެ.