18 Feb 2015, 22:23
ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް އެއްބޭފުޅަކު އަދި ސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް ހަތަރު ބޭފުޅަކު އައްޔަން ކުރައްވައި އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ހަވާލުކުރައްވައިފިއެވެ.
ސުޕްރީމް ކޯޓުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރައްވާފައި ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ގާނޫނީ ވަކީލެއްގެ ގޮތުގައި މިހާރު ހަރަކާތްތެރިވެވަޑައިގަންނަވާ ހދ.މަކުނުދޫ ޕިކެޑްލީ ހަސަން ފަހީމް އިބްރާހީމާއި ޖުމްހޫރީ ޕާޓީގެ ކުރީގެ ލީގަލް އޮފިސަރު މުހައްމަދު ހަލީމާއި ގ.ފަރިދޫ އަލީ އަބްދުﷲ އާއި ސިވިލް ސާވިސް ކޮމިޝަންގެ ކުރީގެ ލީގަލް އޮފިސަރު، ޅ.ކުރެންދޫ ރީޙުއްޞަބާ އަބްދުއްނާސިރު ޝަފީގެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް އައްޔަން ކުރައްވާފައި ވަނީ ޖޭއެސްސީގެ ކުރީގެ މެމްބަރު އަހްމަދު ރަޝީދުއެވެ.
އެ ފަސް ބޭފުޅުންނަށް ހުވާ ލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު އަލީ ސަމީރެވެ. އެބޭފުޅުން ހުވާކުރެއްވުމާ އެކު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވަނީ ފަނޑިޔާރުކަމުގެ ފަތްކޮޅު އެ ފަސް ބޭފުޅުންނަށް އަރުވާފައެވެ.
އެ ރަސްމިއްޔާތުގައި ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިނާއި ޖޭއެސްސީގެ ރައީސް އަލީ ހަމީދު މުހައްމަދާއި އެ ކޮމިޝަންގެ ނައިބު ރައީސް މުހައްމަދު ފައިސަލްގެ އިތުރުން ކޮމިޝަންގެ މެމްބަރުންނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.