އޮންލައިން ވޯޓިން ސިންޓަމެއް މެދުވެރިކޮށް ގިޔާޒުއްދީން އިންޓަނޭޝަނަލް ސްކޫލުގެ އިސް މަގާމުތަކަށް ދަރިވަރުން ހޮވައިފި އެވެ.

ސްކޫލުގެ ހޯލުގައި މިއަދު ވޯޓުލުން ކުރިއަށް ގޮސްފައި ވަނީ، ސްކޫލުގެ މަގާމުތަކަށް ކުރިމަތިލި ކުދިންގެ ފޮޓޯތައް ހިމެނޭ ފޯމެއް އޮންލައިންކޮށް ފުރައިގެންނެވެ. އޮންލައިންކޮށް ނަގާ ސިއްރު ވޯޓުލަމުންދާ މިންވަރަކަށް ނަތީޖާތައް ވަގުތުން އަޕްޑޭޓްވެ އެވެ.

މީގެ އިތުރުން، ވޯޓުލުން ކުރިއަށްދިޔައިރު، ދަރިވަރުން ވޯޓުލި އަދަދުގެ ޕަސެންޓާއި ނުލާ ތިބި ދަރިވަރުންގެ ޕަސެންޓޭޖު ވަގުތުން ފެންނަ ގޮތަށް ސްކްރީނެއް ބަހައްޓާފައި ހުއްޓެވެ.

މިއީ ރާއްޖޭގެ ސްކޫލްތަކުގެ ތެރެއިން އޮންލައިން ވޯޓިން ސިސްޓަމެއް މެދުވެރިކޮށް ވޯޓުލުން ކުރިއަށްގެންދިޔަ ފުރަތަމަ ފަހަރެވެ.

ޣިޔާސުއްދީން ސްކޫލުގެ އިސް މަގާމުތަކަށް ކުރިމަތިލި ދަރިވަރުންގެ މެދުގައި ބޭއްވި އިންތިހާބުގައި އޮންލައިންކޮށް ވޯޓުލަނީ-- ސަން ފޮޓޯ/ އަލީ ނަސީރު

ގިޔާޒުއްދީން ސްކޫލުގެ ކީ އެކްޓިވިޓީ ކޯޑިނެޓާރު ފާތުމަތު މުނާ ވިދާޅުވީ، މިއަދު ހެނދުނު 9:00 އިން ފެށިގެން މެންދުރުފަހު 12:30 އަށް ކުރިއަށްދިޔަ އެ ވޯޓުލުމުގައި ބައިވެރިވެފައި ވަނީ ގްރޭޑް ހަތަރުން މަތީގެ ދަރިވަރުން ކަމަށެވެ.

އެގޮތުން މިއަހަރު އެ ސްކޫލުގެ 24 މަގާމަކަށް ކުރިމަތިލާފައި ތިބި، 55 ދަރިވަރަކަށް ގްރޭޑް ހަތަރަކުން މަތީގެ 506 ދަރިވަރަކު ވޯޓުލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މުނާ ވިދާޅުވީ، ވޯޓުލައިގެން މިއަދު ހޮވުނު ދަރިވަރުންގެ ނަންތައް ވޯޓުލުމަށްފަހު ހުރިހާ ދަރިވަރުންނަށް އިއުލާންކޮށްފައިވާ ކަމަށެވެ. އަދި މަގާމުތަކަށް ހޮވުނު ދަރިވަރުންނަށް މަގާމް ހަވާލުކުރުން އަންނަ ހަފްތާތެރޭގައި އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ގްރޭޑް އެކަކުން 10 ކަށް ކިޔަވައި ދެމުންދާ ގިޔާޒުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ޖުމްލަ 865 ދަރިވަރުން މިއަހަރު ތައުލީމު ހާސިލުކުރަމުންދެ އެވެ.