18 Feb 2015, 19:04
އައްޑޫ ސިޓީގައި "ދަ ނެކްސްޓް ޖެނެރޭޝަން ފުޓްބޯލް އެކަޑަމީ"ގެ ނަމުގައި ފުޓްބޯޅަ އެކަޑަމީއެއް ހެދުމަށް ސްޕެއިންގެ މައްޝޫރު ކުންފުންޏެއް ކަމަށްވާ ދަ ނެކްސްޓް ޖެނެރޭޝަން ސްޕޯޓްސް (ޓީއެންޖީ ސްޕޯޓްސް)އާއެކު ރާއްޖޭގެ އޮލިމްޕިކް ކޮމިޓީން އެމްއޯޔޫ އެއްގައި ސޮއިކޮށްފި އެވެ.
އައްޑޫ ސިޓީގައި ފުޓްބޯޅަ އެކަޑަމީއެއް ތަރައްގީ ކުރުމަށް ޓީއެންޖީ ސްޕޯޓްސް އާއެކު އެމްއޯޔޫއެއްގައި ސޮއިކުރިކަން ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކްރެޓެރީ އަހުމަދު މަރުޒޫގު ހާމަކޮށްފައި ވަނީ މިއަދު ކުރެއްވި ޓްވީޓަކުންނެވެ.
މަރުޒޫގް ވިދާޅުވީ އެފަދަ އެކަޑަމީއެއް އައްޑޫގައި ގާއިމު ކުރުމުގެ ބޭނުމަކީ ހަމައެކަނި ކުޅުންތެރިން އުފެއްދުން ނޫން ކަމަށެވެ. އަދި އެ އެކަޑަމީން ފުޓްބޯޅައިގެ ކޯޗިންގް އާއި މެނޭޖްމަންޓު ދާއިރާއިންވެސް ތަމްރީނު ލިބޭނެ ކަމަށާއި، އެ އެކަޑަމީގެ ސަބަބުން އައްޑޫގައި ފުޓްބޯޅަ އިތުރަށް ތަރައްގީ ވެގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް މަރުޒޫގް ވިދާޅުވި އެވެ.
ޓީއެންޖީ ސްޕޯޓްސް އަކީ މިޙާރު ސްޕެނިޝް ލަލީގާ ތާވަލްގެ ހަތަރު ވަނައިގައި އޮތް ވެލެންސިޔާ ސީއެފްގެ ޕާޓްނަރެއްގެ އިތުރުން ރެޕްރެސެންޓޭޓިވް އެކެވެ. އަދި ވެލެންސިޔާގެ އިތުރުން ލަލީގާ ތާވަލްގެ 19 ވަނައިގައި އޮތް ލެވަންޓޭ އަކީވެސް ޓީއެންޖީ ސްޕޯޓްސްގެ ޕާޓްނަރު ކްލަބެކެވެ. ޓީއެންޖީ ސްޕޯޓްސްއިން އައްޑޫގައި ހަދާ އެކަޑާމީން އެ ކުންފުނީގެ ޕާޓްނަރު ކްލަބުތަކުގެ އެކަޑަމީތަކުގައި ތަމްރީނު ވުމުގެ ފުރުސަތުވެސް ލިބިގެން ދާނެއެވެ.
ރާއްޖޭގެ އިތުރުން ޓީއެންޖީ ސްޕޯޓްސްގެ ގޮފިތައް ސްވިޑަން، ޖެމެއިކާ، ބާމިއުޑާ، ޖަޕާން އަދި އެމެރިކާގައިވެސް ވަނީ ހުޅުވާފައެވެ. އެ ކުންފުނީގެ މައިގަނޑު މަސައްކަތަކީ ފުޓްބޯޅަ މެނޭޖްމަންޓެވެ. އަދި މެނޭޖްމަންޓުގެ އިތުރުން އެ ކުންފުންޏަކީ ކޯޗުން ތަމްރީނު ކުރުމާއި ކުޅުންތެރިން ތަމްރީނު ކުރުމުގައި ވެސް ހަރަކާތްތެރިވާ ކުންފުންޏެކެވެ.