ލުނބޮއަކީ ކޮލެސްޓްރޯލް ދަށްކޮށް އެތެރެހައްޓަށާއި ހަންގަނޑަށް އާދަޔާ ޚިލާފަށް ފައިދާ ލިބިދޭ މޭވާއެއްކަން އެތަށް ދިރާސާއަކުން ހާމަވެފައިވާ މޭވާއެކެވެ. ލުނބޮއާ ބެހޭގޮތުން ކޮށްފައިވާ އިލްމީ ދިރާސާތަކުން ހާމަވެފައިވާގޮތުގައި އެއީ އެންޓި-އޮކްސިޑެންސް އާއި ސިލިނޯމް ވަރަށް ގިނައިން އެކުލެވޭ މޭވާއެކެވެ.

ސިލިނޯމްގެ ސަބަބުން ވިހަތަކުން ލޭ ސާފުކޮށްދިނުމުގެ ބާރު ލުނބޮއަށް ލިބިގެންވެއެވެ. ކާބޯތަކެއްޗާބެހޭ ތަޖްރިބާކާރުން ލަފާދެއްވާ ގޮތުގައި އެންމެ ރަނގަޅު އެއްބުއިމަކީ ހަކުރު ނާޅައި ގިރާ ލުބޯހުތު ފަންޏެވެ.

ހަށިގަނޑުގައި ދިޔާތަކެތީގެ މިންވަރު އިތުރުކުރުމަށާއި ހަށިގަނޑުގައި އުފެދޭ އެކިބާވަތުގެ ވިހަތައް ބޭރުކޮށްލުމަށް މިއަށްވުރެ ވަކިރަނގަޅު ބުއިމެއްނެތެވެ. ނަމަވެސް ލޭމައްޗަށް ދާމީހުން މާގިނައިން ލުނބޯ ބޭނުން ނުކުރުމަށް ޑޮކްޓަރުންނާއި ކާބޯތަކެއްޗާބެހޭ ތަޖްރިބާކާރުން ލަފާދެއްވައެވެ. ލުނބޯ ފަނި އެންމެ ރަނގަޅީ ފިނިކޮށްގެން ބުއިމަށްވުރެ ހޫނުކޮށްލައިގެން (ތާފަނާކޮށް) ބުއިމެވެ.

ހެނދުނު ހައިބަނޑާ ހުރެ ލުނބޯހުތު ފަނި ބުއިމަކީ ލޭ ވަރަށް ބޮޑަށް ތާޒާކޮށް ހަންގަނޑު ރީތިކޮށްދޭކަމެއްކަން ދިރާސާތަކުން ހާމަވެފައިވެއެވެ. ފަހުގެ ދިރާސާތަކުން ހާމަވާގޮތުގައި ލުނބޯގައި އެކުލެވޭ އެންޓި-އޮކްސިޑެންސް އާއި ސިލިނޯމްއަކީ ކެންސަރު ޖެހުން ދުރުކޮށްދިނުމުގައިވެސް މުހިއްމު ދައުރެއް އަދާކުރާ ދެ މާއްދާއެވެ. އަދި ހަންގަނޑު ރޫޖެހުން ކުޑަކޮށް މުސްކުޅިވުމުގެ އަލާމަތްތައް މޫނާއި ހަމުން ފެނުން ދުރުކޮށްދިނުމުގައިވެސް މި ދެ މާއްދާ މުހިއްމު ދައުރެއް އަދާކުރާކަން ފަހުގެ ދިރާސާތަކުން ހާމަވެއެވެ.

ލުނބޯގައި އެކުލެވޭ އެންމެ މުހިއްމު އެއް މާއްދާއަކީ "ވިޓަމިން ސީ"އެވެ. ވިޓަމިން ސީއަކީ ވަރަށް ގިނަ ފައިދާތައް އެކުލެވޭ މާއްދާއެކެވެ. ޚާއްސަކޮށް އަރިދަފުސް ރޯގާއިން އަވަސް ޝިފާ ލިބުމުގައާއި ހުން އައުން ދުރުކޮށްދިނުމުގައި ވިޓަމިން ސީ މުހިއްމު ދައުރެއް އަދާކުރެއެވެ. މީގެއިތުރުން ލުނބޯގެ ތޮއްޓަކީ އެއިން ފަނިގިރައިގެން ބުއިމުންނާއި ތޮށި ރޮލާކެއުމުން، ނުބައި ކޮލެސްޓްރޯލްވެސް ދަށްކޮށްދޭ އެއްޗެއްކަން ފަހުގެ ދިރާސާތަކުންވަނީ ހާމަވެފައެވެ. (ބެޓަރނިއުޓްރިޝަން)