18 Feb 2015, 17:05
ނިއުދިއްލީ (ފެބްރުއަރީ 18): ފަރަންސޭސިވިލާތުން ގަތުމަށް އިންޑިޔާއިން ކުރިން ގަސްދުކޮށްފައިވާ ރަފާލް މަރުކާގެ އަސްކަރީ ފައިޓަރ ޖެޓްތައް ނުގަތުމަށް އިންޑިޔާ ސަރުކާރުން ނިންމައިފި އެވެ.
އިންޑިޔާގެ "ބިޒިނަސް ސްޓޭންޑަޑް" ނޫސް ބުނިގޮތުގައި ފަރަންސޭސިވިލާތުގައި އުފައްދާ ރަފާލް މަރުކާގެ އަސްކަރީ ފައިޓަރ ޖެޓްތައް ނުގަތުމަށް ބޮޑުވަޒީރު ނަރަންދުރަ މޯދީގެ ސަރުކާރުން ނިންމީ، އެފެންވަރުގެ އެހެން ބޯޓުތަކާ އަޅައިބަލާއިރު އެ މަރުކާގެ ބޯޓުތަކުގެ އަގުބޮޑުކަމުންނެވެ.
އިންޑިއާއިން ވަނީ އެގައުމުގެ ސިފައިންގެ ހަތިޔާރުތައް އާކުރުމަށާއި ފަހުގެ ޓެކްނޮލޮޖީގެ ހަތިޔާރު ހޯދުމަށްޓަކައި ރަފާލް މަރުކާގެ 126 ފައިޓަރ ޖެޓް ގަތުމަށް ޝައުގުވެރިވާކަން ހާމަކޮށްފައެވެ.
އިންޑިއާއިން މިމަރުކާގެ ބޯޓަށް ޝައުގުވެރިވާކަން ހާމަކޮށްފައިވަނީ 2012 ވަނަ އަހަރު އިންޑިޔާގައި ބޭއްވި އަސްކަރީ މަތިންދާބޯޓުތަކުގެ މައުރަޒަކަށްފަހު އޭރުގެ ބޮޑުވަޒީރު މަންމޯހަން ސިންގްގެ ސަރުކާރުންނެވެ. ރަފާލް މަރުކާގެ 126 ފައިޓަރ ޖެޓާއި އެއާގުޅޭ އެނޫންތަކެތި ގަތުމަށާއި ތަމްރީންތަކަށް 10 ބިލިޔަން އެމެރިކާ ޑޮލަރު ޚަރަދުވާނެ ކަމަށް އިންޑިޔާގެ ދިފާއީ ދާއިރާތަކާ ޙަވާލާދީ "ބިޒިނަސް ސްޓޭންޑަޑް" ބުނެއެވެ.
އިންޑިޔާގެ މިހާރުގެ ބޮޑުވަޒީރު ނަރަންދްރަ މޯދީގެ ސަރުކާރުން މަސައްކަތްކުރަނީ ރަޝިޔާއިންނާއި ހުޅަނގުގެ ގައުމުތަކުން ސީދާގޮތެއްގައި ހަތިޔާރު ގަތުމުގެ ބަދަލުގައި އެގައުމުތަކުގެ ޓެކްނޮލޮޖީގެ އެހީ ހޯދައިގެން އިންޑިޔާ އަމިއްލައަށް ޒަމާނީ ހަތިޔާރު އުފެއްދުމަށެވެ. އިންޑިޔާ ސިފައިން ބޭނުންކުރާ މައިގަނޑު ބަރު ހަތިޔާރުތައް މިހާތަނަށް ގަންނަމުން އަންނަނީ ރަޝިޔާއިންނެވެ.
މޯދީގެ މި ސިޔާސަތުގެ ދަށުން ފަރަންސޭސިވިލާތުން ރަފާލް މަރުކާގެ އަސްކަރީ މަތިންދާބޯޓު ގަތުމުގެ ބަދަލުގައި އިންޑިޔާގެ މިހާރުގެ ވިސްނުންހުރީ ރަޝިޔާގެ ޓެކްނޮލޮޖީގައި އިންޑިޔާއާއި ރަޝިޔާ ގުޅިގެން އުފައްދާ ސޫ-30 އެމްކޭ މަރުކާގެ ފައިޓަރ ޖެޓް މަތިންދާބޯޓު ގަތުމަށް ކަމަށް ޚަބަރު ލިބެއެވެ.
ރަޝިޔާގެ ޓެކްނޮލޮޖީގައި ސޫ-30 އެމްކޭ މަރުކާގެ ފައިޓަރޖެޓް އުފައްދަނީ އިންޑިޔާގެ ކުންފުންޏެއްކަމަށްވާ "ހިންދުސްތާން އެއަރނޯޓިކްސް" ކުންފުނިންނެވެ.
އިންޑިޔާއަކީ ހަތިޔާރު ގަންނަ ގައުމަކަށްވުރެ ހަތިޔާރު އުފައްދައި ވިއްކާ ގައުމަކަށް ހަދަން ބޭނުންކަން ބޮޑުވަޒީރު މޯދީ ވަނީ ކޭންޕޭންގެ ދުވަސްވަރު ވިދާޅުވެފައެވެ. އިންޑިޔާގެ ވާދަވެރި ޗައިނާ މިކަމުގައި އުޅެނީ މާކުރީގައިކަންވެސް މޯދީ ވަނީ ކެންޕޭންގައި ފާހަގަ ކުރައްވާފައެވެ.