18 Feb 2015, 16:53
އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) އާއި ދިރާގާއި މީޑިއާ ނެޓް ގުޅިގެން ކުޑަކުދިން ރައްކާތެރިގޮތުގައި އިންޓަނެޓް ބޭނުންކުރުމަށް ބާރު އެޅުމުގެ ގޮތުން "ސަރފް ސްމާޓް" ގެ ނަމުގައި ކެމްޕޭނެއް ފަށައިފި އެވެ.
މި ކެމްޕޭން ފެށުމުގެ ގޮތުން އާކް އާއި ދިރާގު އަދި މީޑިއާ ނެޓުުން ވަނީ އެމްއޯޔޫއެއްގައި ސޮއިކޮށްފައެވެ. ސޮއި ކުރުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ ދިރާގު ހެޑް އޮފީހުގައެވެ.
އާކުން އިސްނަގައިގެން ހިންގާ މި ކެމްޕޭންގެ ދަށުން ރައްކާތެރި ގޮތުގައި އިންޓަނެޓް ބޭނުންކުރާނޭގޮތް ކުދިންނަށް ދަސްކޮށްދިނުމުގެ ގޮތުން ސްކޫލްތަތަކުގެ ކުދިންނަށް ހޭލުންތެރިކަމުގެ ޕްރޮގްރާމްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މި ގޮތުން އިންޓަނެޓްގެ ޒަރީޔާއިން މައުލޫމާތު ހިއްސާ ކުރުމަގައާއި އޮންލައިންވެ އުޅުމުގައި ސަމާލުވާންޖެހޭ ކަންތައްތައް ވެސް މި ކެމްޕޭނުގައި ހިމަނާފައި ވެއެވެ.
" ސަރފް ސްމާޓް ކެމްޕޭންގެ ދަށުން ހިންގާ ބައެއް ހަރަކާތްތަކުގެ ތެރޭގައި ކުޑަކުދިންނާއި ބެލެނިވެރިންނަށް ޚާއްސަ ސެޝަންތަކާއި ޓީޗަރުންނަށް އަމާޒުކޮށްގެން ބާއްވާ ވޯކްޝޮޕްތައް، އަދި މީޑިއާ ކެމްޕޭނެއް ހިންގުމަށް ވަނީ ހަމަޖެހިފައި" އާކުގެ އެގްޒެކްޓިވް ޑިރެކްޓަރު ޒެނީޝާ ޒަކީ ވިދާޅުވި އެވެ.

ދިރާގުގެ ފަރާތުން ވާހަކަ ދެއްކެވި ދިރާގުގެ އެސިސްޓެންޓް މެނޭޖަރު މާރކެޓިން އިބްރާހިމް އިމްޖާދު ޖަލީލް ވިދާޅުވީ، ދިރާގުގެ އިޖްތިމާއީ ޒިންމާގެ ދަށުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވޭ ކަމަށާއި، ޚާއްސަކޮށް ކުޑަކުދިންގެ ހިމާޔަތާއި ރައްކާތެރިކަމަށް ކުރެވޭ މަސައްކަތުގައި އަބަދުވެސް ދިރާގުގެ ބައިވެރިވުން އޮންނާނެ ކަަމަށެވެ.
މީޑިއާނެޓްގެ ކަސްޓަމަރ އެކްސްޕީރިއެންސް އެސިސްޓެންޓް މެނޭޖަރު ސިމާނާ އިސްމާއިލް ވިދާޅުވީ، ޒިންމާދާރު ހިދުމަތެއް ދިނުމަށް މީޑިއާނެޓުން އަބަދުވެސް އިސްކަމެއް ދޭކަމަށާއި މި ޕްރޮގްރާމްގައި ބައިވެރިވެވޭތީ ވަރަށް އުފާވާ ކަމަށެވެ.
މި ކެމްޕޭން ހިންގުމަށް ހަމަޖެހިފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ.