އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާއަށް ރަން ބޫޓާއެކު އިނާމެއްގެ ގޮތުގައި ކޮލަންބޯ ދެކޮޅު ޓިކެޓު ލިބިގެންދާ ފުޓްސެލް މުބާރާތެއް ބ. އޭދަފުށީގައި އަންނަ މަހު ބާއްވަން ނިންމައިފި އެވެ.

އަންނަ މަހުގެ އެކަކުން 11 އަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ އެ މުބާރާތް ބާއްވަނީ "އަހުމަދު ޝާހީން ފުޓްސަލް 2015"ގެ ނަމުގައެވެ.

އެ މުބާރާތުގައި އޭދަފުށީގެ ފުޓްސަލް ޓީމްތަކުގެ އިތުރުން ބ. އަތޮޅުގެ ބައެއް ރިސޯޓުތަކާއި ދައުވަތު ދެވޭ ބައެއް ޓީމްތައް ވާދަ ކުރާގޮތަށް ވަނީ ނިންމާފައެވެ.

އޭދަފުށީގެ ކްލަބެއް ކަމަށްވާ ދަ ބިގިނާސްއިން އިންތިޒާމް ކޮށްގެން ބާއްވާ "އަހުމަދު ޝާހީން ފުޓްސަލް 2015" ފުޓްސަލް މުބާރާތުގައި ރަން ބޫޓާއެކު ކޮލަންބޯ ދެކޮޅު ޓިކެޓުގެ އިތުރުން ޗެންޕިއަން ޓީމަށް ވަނީ 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅައިފައެވެ. އަދި އެ މުބާރާތުގެ ރަނަރަޕް ޓީމަށް 5000 ރުފިޔާގެ އިނާމެއް ހުށަހެޅިފައި ވާއިރު، އެ މުބާރާތުގައި ޑްރީމް ޓީމާއި އެންމެ މޮޅު ކުޅުންތެރިޔާވެސް ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

އެ މުބާރާތުގައި ބައިވެރިވާ ބައެއް ރިސޯޓުތަކުގެ ތެރޭގައި އަމިއްލަފުށި ރިސޯޓް، ކިހާދޫ މޯލްޑިވްސް، ރޯޔަލް އައިލެންޑް ރިސޯޓް އަދި ވެލިގަނޑު އައިލެންޑް ރިސޯޓް ހިމެނެއެވެ. ދަ ބިގިނާސްއިން މައުލޫމާތު ދިން ގޮތުގައި އެ މުބާރާތުގެ މަގްސަދަކީ ބައިވެރިވާ ފަރާތްތަކުގެ މެދުގައި އެކުވެރިކަން ބަދަހިކޮށް، ރާއްޖޭގައި ފުޓްސެލް އިތުރަށް ކުރިއެރުވުމުގެ އިތުރުން، މުބާރާތްތަކުގައި ވާދަ ކުރުމުގެ ފުރުސަތު ލިބިފައި ނުވާ ފަރާތްތަކަށް އެފުރުސަތު ހޯދައި ދިނުމެވެ.

މިދިޔަ އަހަރުވެސް ބޭއްވި "އަހުމަދު ޝާހީން ފުޓްސަލް 2015" މުބާރާތަކީ މީގެ ކުރިން ރާއްޖޭގެ އެއްވަނަ ޑިވިޝަންގައި ކްލަބް އީގަލްސް އާއި ކ. ހުރާގެ ހުއްރިއްޔާ ސްޕޯޓްސް ކްލަބަށް ކުޅުނު އަލްމަރުހޫމް އަހުމަދު ޝާހީނު (ޖޯއީ)ގެ ހަނދާނުގައި ބާއްވާ މުބާރާތެކެވެ.

އަހުމަދު ޝާހީން ނިޔާވީ 2012 ވަނަ އަހަރު އޭދަފުށީގައި ބޭއްވި ފުޓްބޯޅަ މުބާރާތަކަށް ތައްޔާރު ވުމުގެ ގޮތުން އޭނާ ކުޅެމުން ދިޔަ ޓީމް ސައިނޯސާ އާއެކު ތަމްރީނު ކުރަނިކޮށް، ދަނޑު މަތީގައި ހުއްޓައެވެ.