ސްކޫލުތަކުގެ ގްރޭޑް 10 ގައި ކިޔަވަމުންގެންދާ ދަރިވަރުންނަށް ހުނަރު ދަސްކޮށްދިނުމަށް ކުރިއަށްގެންދާ ދަސްވާރު ޕްރޮގްރާމްގެ ދަށުން ފަސް ކޯހެއް ގައުމީ ޔުނިވާސިޓީގައި ފަށައިފި އެވެ.

ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގައި ކިޔަވައިދޭން ފަށާފައިވާ ފަސް ކޯހަކީ، ފުޑް ޕްރިޕަރޭޝަނާއި ޕޭސްޓްރީ އެންޑް ބޭކަރީ އާއި ފްރޮންޓް އޮފީސްގެ އިތުރުން ރޫމް އެޓެންޑެންޓް ކޯހަކާއި ފުޑް އެންޑް ބެވަރޭޖް ސާވިސް އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އެ ކޯސްތަކުގައި މާލޭގެ 11 ސްކޫލަކުން 72 ދަރިވަރުން ބައިވެރިވެފައިވާ ކަމަށެވެ. ތިން މަސް ދުވަހުގެ މުއްދަތުގެ އެ ކޯސް ފުރިހަމަ ކުރާ ދަރިވަރުންނަށް ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ތިނެއްގެ ސެޓްފިކެޓެއް ލިބިގެންދާނެ ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ.

ޔުނިވާސިޓީގައި ފެށި އެ ކޯސްތަކާއެކު މިހާތަނަށް މާލޭގެ 11 ސްކޫލަކުން 176 ދަރިވަރަކު ދަސްވާރު ޕްރޮގްރާމުގައި ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން، ކ. މާފުށީ ސްކޫލުގެ 22 ދަރިވަރުންނާއި ހދ. ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުގެ 35 ދަރިވަރުންނާއެކު ދަސްވާރު ޕްރޮގްރާމް މިހާރު ވަނީ ފަށާފައެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ދަސްވާރު ޕްރޮގްރާމް ހިންގެވުމާ ހަވާލުވެހުންނެވި ފާތުމަތު ސޯފިޔާ ރަޝީދު ވިދާޅުވީ، މިދިޔަ އަހަރު ދަސްވާރު ޕްރޮގްރާމުގައި ބައިވެރިވި ދަރިވަރުން މަސައްކަތުގެ މާހައުލުން ތަޖުރިބާ ކޯސް ފުރިހަމަކުރި ނަމަވެސް، މިއަހަރު ދަސްވާރު ޕްރޮގްރާމް ކުރިއަށްދާނީ ދެ މަރުހަލާއަކަށް ބަހާލައިގެން ކަމަށެވެ.

"މިދިޔަ އަހަރު ހިންގި ޕައިލެޓް ޕްރޮގްރާމުގައި އަޅުނގަޑުމެން ހުރިހާ ދަރިވަރުން ވެސް ފޮނުވީ އިންޓާންޝިޕަށް. ނަމަވެސް އަޅުނގަޑުމެންނަށް ފާހަގަވި އެކުދިންނަށް އެ ކުރާ މަސައްކަތެއްގެ ކޮންމެ ވެސް ވަރެއްގެ ބެކްގްރައުންޑް އިންފޮމޭޝަން އެއް ބޭނުންވާ ކަމަށް،" ސޯފިޔާ ވިދާޅުވި އެވެ.

އެގޮތުން މިއަހަރު ހިންގާ ދަސްވާރު ޕްރޮގްރާމުގެ ފުރަތަމަ މަރުހަލާގައި ދަސްވާރު ޕްރޮގްރާމުގައި ބައިވެރިވާ ދަރިވަރު ހިޔާރުކުރާ ކޯހަކާ ގުޅޭގޮތުން ތަމްރީންދޭނެ އެވެ. ދެވަނަ މަރުހަލާގައި އެ ދަރިވަރަކު މަސައްކަތުގެ މާހައުލަށް ނުކުމެ އިންޓާންޝިޕް ފުރަހަމަ ކުރާނެ އެވެ.

ނަމަވެސް، އެއާކޮންޑިޝަނިން އެންޑް ރެފްރިޖެރޭޝަން މެކޭނިކް އާއި އިލެކްޓްރީޝަން އަދި ކާޕެންޓްރީ ފަދަ ކޯސްތައް ފަރުމާކޮށްފައިވަނީ އެ ކޯހެއްގައި ބައިވެރިވާ ދަރިވަރަކު ފުރަތަމަ މަރުހަލާގައި ވެސް އިންޓާންޝިޕް ފުރިހަމަކުރާ ގޮތަށް ކަމަށް ސޯފިޔާ ވިދާޅުވި އެވެ.

މިދިޔަ އަހަރު ދަސްވާރު ޕްރޮގްރާމްތަކުގައި 181 ކުއްޖަކު ބައިވެރިވެފައިވެ އެވެ. އޭގެ ތެރެއިން ފުރަތަމަ ބުރުގައި 86 ކުއްޖަކު ގްރެޖުއޭޓް ވެފައިވާއިރު، ދެވަނަ ބުރުގައި ހިމެނޭ ދަރިވަރުންގެ ގްރެޖުއޭޝަން ބާއްވަން ހަމަޖެހިފައިވަނީ އަންނަ މަހު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.