ޑީއާރުޕީ އާއި ގައުމީ ޕާޓީން ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ހެނދުނު ބަނޑޮސް އައިލެންޑް ރިސޯޓުގައި ބޭއްވި ރަސްމިއްޔާތަށް ވަޑައިގަތުމަށް ދައުވަތު ދެއްވައިފައިނުވާ ކަމަށް ގައުމީ ޕާޓީގެ ހަމައެކަނި ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރު އަޑި ޕާޓީގެ ޑިޕިއުޓީ ލިޑަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒް ވިދާޅުވީ، ގައުމީޕާޓީ އާއި ޑީއާރްޕީގެ ކޯލިޝަން އެއްބަސްވުމުގައި މިއަދު ހެނދުނު ސޮއިކުރިކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތަށް ވަޑައިގަތުމަށް ދައުވަތު ލިބިވަޑައިގެންފައިނުވާ ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.
"ނޭނގޭ އަޅުގަނޑަކަށް ސޮއިކުރިކަމެއް. އަޅުގަނޑަކަށް އެއްވެސް ދައުވަތެއް ނުލިބޭ،" ރިޔާޒް ވިދާޅުވި އެވެ.
ރިޔާޒް އެހެން ވިދާޅުވާއިރު، ކޯލިޝަން އެގްރިމެންޓްގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރިޔާޒް ބައިވެރިވަޑައިނުގެންނެވީ ކީއްވެގެންތޯ ނޫސްވެރިއަކު ސުވާލުކުރުމުން ގައުމީ ޕާޓީގެ ރައީސް ޑރ.ހަސަން ސައީދު މިއަދު ހެނދުނު ވިދާޅުވީ، ރިޔާޒް ހުންނެވީ ރާއްޖެއިން ބޭރުގައި ކަމަށެވެ.
"ޕާޓީގެ އިދާރީ ސެކްޝަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ރިޔާޒް މިވަގުތަކު ރާއްޖޭގައި ނޫޅުއްވާ،" ޑރ.ހަސަން ވިދާޅުވި އެވެ.
ނަމަވެސް، އެކަން ކަށަވަރުކުރުމަށް ސަން އިން ރިޔާޒަށް ގުޅާލުމުން ވިދާޅުވީ، އޭނާ ހުންނެވީ މާލެގައި ކަމަށެވެ.
"އަޅުގަނޑު މިހިރީ މާލެގައި. މިވަގުތު މިއިނީ މަޖިލިސް ކައިރީ، ކެފޭއެއްގައި،" ރިޔާޒް ވިދާޅުވި އެވެ.
ސޮއިކުރުމުގެ ރަސްމިއްޔާތަށް ދައުވަތު ލިބިވަޑައިނުގެންނެވީ ކީއްވެގެންތޯ ދެންނެވުމުން ރިޔާޒް ވިދާޅުވީ، އެކަމުގައި ޑީއާރްޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ "އަތެއް"ވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

"އެމީހުންނާއެކުވެވޭ )ޑީއާރްޕީއާއެކުވެވޭ( އެއްބަސްވުމެއް ކަމަށްވާތީ ވެދާނެ އަޅުގަނޑު އެހާ ކައިރިން ފެންނަން ޝާހިދު ބޭނުންވެވަޑައިނުގަންނަވަނީ ކަމަށް. އެއީ އަޅުގަނޑު ދާދި ފަހުން މަޖިލީހުގެ ރައީސަށް ވަރަށް ބޮޑަށް ފާޑުކިން،" ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވީ، ގައުމީ ޕާޓީއާއި ޑީއާރްޕީގެ ކޯލިޝަނަށް ތާއީދުކުރާ ކަމަށެެވެ. ނަމަވެސް އެކަމުގައި ވިސްނަން ޖެހޭ ގިނަ ކަންކަން އެބަހުރި ކަމަށާއި އެއީ "ގޯސްކަމެކޭ، ނޫނީ ރަނގަޅު ކަމެކޭ" މިވަގުތު ވިދާޅުވާން ބޭނުންވެވަޑައިނުގަންނަވާ ކަމަށެވެ.

ޑރ.ހަސަން ވެސް ވިދާޅުވީ، ރިޔާޒް ކޯލިޝަނަށް ތާއީދުކުރައްވާ ކަމަށެވެ. އަދި ކޯލިޝަން ހެދުމަށް ނިންމިއިރު ޕާޓީ ކައުންސިލްގައި އިންނަވައި، ރިޔާޒް އެކަމަށް ތާއީދުކުރެއްވި ކަމަށެވެ. ނަމަވެސް، ކޯލިޝަން އެއްބަސްވުމުގެ ހުރި "ތަފްސީލު" ތަކާ މެދު ރިޔާޒް ރަޝީދުގެ ޚިޔާލުތަފާތުވުންތަކެއް އެބަހުރި ކަމަށް ޑރ.ހަސަން އެއްބަސްވެވަޑައިގެންނެވި އެވެ.

ބަނޑޮސް އައިލެންޑް ރިސޯޓްގައި މިއަދު ހެނދުނު އޮތް ބައްދަލުވުމުގައި ޑީއާރުޕީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޕާޓީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އެވެ. ގައުމީ ޕާޓީން އެ ޕާޓީގެ ލީޑަރު ޑރ. ހަސަން ސައީދެވެ.

ދެ ފަރާތުންވި އެއްބަސްވުމަށް ފަހު ބަނޑޮހުގައި ބޭއްވި ނޫސްކޮންފަރެއްސެއްގައި ތަސްމީން ވިދާޅުވީ މިއަދުވި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ 2013 ވަނަ އަހަރުގެ ރިއާސީ އިންތިހާބު ދެ ޕާޓީ ގުޅިގެން ކާމިޔާބު ކުރުމާއި އަދި އެއަށް ފަހު ވިދިގެން އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށް ކަމަށެވެ.