ރައީސް އަބްދުﷲ ޔާމީނަށް ޖާނުން ފިދާވުމުގެ ހަމަލާއެއް ދޭނެ ކަމަށް ބުނުމުން އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް އިލެކްޝަންސް ކޮމިޝަނަށާއި ޕްރޮސިކިއުޓާ ޖެނެރަލްގެ އިތުރުން ފުލުހުންނަށް ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕީއެމް އިން ގޮވާލައިފި އެވެ.

ޕީޕީއެމް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެކަމަކީ ޓެރަރިޒަމަށް ހިތްވަރުދޭ އަމަލެއް ކަމަށެވެ. އަދި އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަންޖެހޭ ކަމަށް ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

"ދިވެހި ރާއްޖޭގެ ގާނޫނީ ސަރުކާރު ވައްޓާލާނެ ކަމަށް ބުނެ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އިސްކޮށް ހުންނަވައިގެން މާލޭގެ ވިޔަފާރި ކުރާ ސަރަހައްދުތައް ބަންދުކޮށް، ކުރަމުންގެންދާ މުޒާހަރާ ތަކުގައި ރައީސް ޔާމީނަށް ޖާނުން ފިދާވުމުގެ ހަމަލާއެއް ދީގެން ނަމަވެސް މި ވެރިކަން ވައްޓާލުމަށް ގޮވާލައިފަވާތީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ." ޕީޕީއެމްގެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

ޕީޕީއެމުން ބުނީ، އެމްޑީޕީ-ޖޭޕީ ގުޅިގެން ކުރިއަށް ގެންދާ މުޒާހަރާ ތަކަކީ ދިވެހި މުޖުތަމައުއަށް ހަމަޖެހުން ހޯދައި ދިނުމަށް ރައީސް ޔާމީންގެ ސަރުކާރުން މަސައްކަތް ކުރައްވަމުން ދާތީ، އެކަމަށް ހުރަސް އެޅުމުގެ ގޮތުން ކުރައްވާ ކަމެއް ކަމަށެވެ. އަދި އެފަރާތްތަކުން އެކަން ކުރައްވާ މައިގަނޑު ސަބަބަކީ ގައުމުގެ އިޖްތިމާއީ، އިގްތިސާދީ އަދި ސިޔާސީ ހަމަޖެހުން ނަގާލުން ކަމަށް ވެސް ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ.

"ގާނޫނުއަސާސީއާ ހިލާފަށް ސަރުކާރުން ކޮށްފައިވާ ކަމަކީ ކޮން ކަމެއްކަން ހާމަ ކުރުމެއް ނެތި، އެކި ފަހަރު އެކި ގޮތަށް ވާހަކަދައްކައި ގައުމު ހަލަބޮލި ކޮށްލުމަށް ސަރުކާރާ އިދިކޮޅު ފަރާތްތަކުން ކުރަމުން ގެންދާ މަސައްކަތަކީ އެކަމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުގެ އެއްވެސް ޒިންމާދާރު ކަމެއް ނެތްކަން ސާބިތުކޮށްދޭ ކަމެކެވެ." ނޫސްބަޔާނުގައިވެ އެވެ.