18 Feb 2015, 15:26
އޭޑީކޭ ހޮސްޕިޓަލުންދޭ ހިދުމަތްތަކުގެ އަގުތައް ބޮޑުކުރަން އެ ހޮސްޕިޓަލުން ނިންމައިފި އެވެ.
އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އަފްއާލް މިއަދު 'ސަން' ވިދާޅުވީ، ޑޮކްޓަރަށް ދެއްކުމަށް ނަގާ ފީ ފިޔަވައި، އެހެން ހިދުމަތްތަކުގެ އަގުތައް އެވްރެޖްކޮށް 10 ޕަސެންޓް ބޮޑުކުރަން ނިންމާފައިވާ ކަމަށެވެ. އަދި އަގުތަކަށް ބަދަލު އައި ނަމަވެސް، އާސަންދަ ކަވަރު ކުރާ މިންވަރަށް ބަދަލެއް ނާންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭޑީކޭގެ ހިދުމަތްތަކުގެ އަގުތަކަށް ބަދަލު ގެންނާނީ އަންނަ އާދީއްތަ ދުވަހުގެ ރޭ ދަންވަރު 12:00 އިން ފެށިގެންނެވެ.
"އާސަންދައިގެ ދަށުން ވޭތުވެދިޔަ ހަތަރު އަހަރު އަޅުގަނޑުމެން އަގުތައް ބޮޑެއް ނުކުރަން. ނަމަވެސް ކޮންމެ އަހަރަކު އިންފްލޭޝަން އިތުރުވެ ރާއްޖޭން ބޭރުން ގެންނަ އެއްޗެހީގެ އަގުތައް ވަނީ ބޮޑުވެފައި. މި ހިދުމަތް ދިނުމުގައި ދެމިތިބުމަށްޓަކައި އަޅުނގަޑުމެންނަށް ހިދުމަތްތަކުގެ އަގު ބޮޑު ނުކޮށް ނެތުމުން އަގު ބޮޑުކުރަން ނިންމީ،" އައްފާލު ވިދާޅުވި އެވެ.
އާސަންދައިގެ ހިދުމަތް ދިނުމަށް އޭޑީކޭ އާއި އާސަންދަ ކުންފުންޏާ ދެމެދު 2011 ވަނަ އަހަރު ވެފައިވާ އެއްބަސްވުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ހަމަވުމުން، އެ އެއްބަސްވުން މިހާރު ވަނީ އާކޮށްފަ އެވެ.
ނަމަވެސް އޭޑީކޭ އިން އަލަށް ތައާރަފްކުރި ނިއުރޯ ސާޖަރީ އާއި ކަށީގެ އޮތުރޮސްކޯޕިކް ސާޖަރީ ފަދަ މުހިއްމު ހިދުމަތްތަކަށް އެ އެއްބަސްވުމުގެ ދަށުން ކަވަރެއް ނުކުރާނެ އެވެ. އަދި އަންނަ މާޗް މަހުން ފެށިގެން ހޮސްޕިޓަލުގައި އެޑްމިޓްކުރެވިގެން ފަރުވާހޯދައި ބަލިމީހުންނަށް ބޭނުންވާ ބޭސް ވެސް އާސަންދައިގެ ދަށުން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭޑީކޭއިން މައުލޫމާތުދެ އެވެ.