18 Feb 2015, 15:21
ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން މަސައްކަތް ކުރަމުންދާއިރު އެ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ކަނޑިތީމު ދާއިރާގެ މެމްބަރު މުހައްމަދު ހުސައިން (އެމްއެޗް) ސަރުކާރާ އެކުގައި މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެއްޖެ އެވެ.
ރާއްޖެއިން ބޭރުގައި ހުންނެވި މުހައްމަދު ހުސައިން ވަނީ މިކަން "ސަން" އަށް ކަށަވަރު ކޮށްދެއްވާފަ އެވެ. އޭނާ ވިދާޅުވީ "ސަރުކާރާ އެކުގައި އަޅުގަނޑު ދެމިހުންނާނަން" ކަމަށެވެ.
އެހެންނަމަވެސް އޭނާ ޖޭޕީ އިން ވަކިވެވަޑައިގެންނަވާނެ ކަމެއް އަދި ޕީޕީއެމްއަށް ސޮއިކުރައްވާނެ ކަމެއް ވިދާޅެއްނުވެ އެވެ.
މުހައްމަދު ހުސައިންގެ ގާތް ރަހުމަތްތެރިއަކު މިއަދު "ސަން" އަށް ވިދާޅުވީ، ސަރުކާރާ އެއްކޮށް މަސައްކަތް ކުރުމަށް އޭނާ ނިންމެވީ "ކަނޑިތީމު ދާއިރާގެ ތަރައްގީއަށް" ޓަކައި ކަމަށެވެ.
"އެނގިވަޑައިގަންނަވާނެ ކަނޑިތީމު ދާއިރާއަށް އެމަނިކުފާނު އިންތިހާބުވެލައްވާތާ މި ވަނީ ދެ ވަނަ ފަހަރު. ކުރިން އިންތިހާބުވީ ޑީއާރްޕީގެ މެމްބަރެއްގެ ގޮތުގައި ހުންނަވައިގެން. އެހެންނަމަވެސް އޭރު އޮތީ އެހެން ސަރުކާރެއް، އެހެންވީމަ ދާއިރާ އަށް މާ ބޮޑު ތަރައްގީއެއް ނާދޭ. އެހެންވީމަ އެމަނިކުފާނު އެއްވެސް ވަރަކަށް ވަންނާކަށް ބޭނުމެއް ނޫން ގައުމުގައި ހިނގާ ހަމަނުޖެހުންތަކުގެ ތެރެއަކަށް. އެހެންނަމަވެސް އެމަނިކުފާނު ބޭނުންފުޅުވަނީ އަދި އެމަނިކުފާނަށް ގަބޫލުފުޅު ކުރެވެނީ ދާއިރާގެ ރައްޔިތުންނަށް ތަރައްގީއާ ތަހުޒީބު އަންނާނީ ސަރުކާރާއި ގުޅިގެން މަސައްކަތް ކުރެއްވިއްޔާއޭ،" އެމްއެޗްގެ ރަހުމަތްތެރިޔާ ވިދާޅުވި އެވެ.
މުހައްމަދު ހުސައިން ޖޭޕީއާ ގުޅިވަޑައިގަތީ، މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.
މުހައްމަދު ހުސެއިނަކީ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އަރިހުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ބޭފުޅެއްކަން ވެސް ފާހަގަކޮށްލެވެ އެވެ.