ޑިޒްނީގެ މަޝްހޫރު ފެންޓަސީ ފްރެންޗައިޒް ސީރީޒް، ޕައިރޭޓްސް އޮފް ދަ ކެރިބިއަންގެ އެންމެ ފަހު ފިލްމު "އޮން ސްޓްރޭންޖާސް ޓައިޑް" ނެރުމުގެ ހަތަރު އަހަރު ފަހުން އެ ސީރީޒްގެ އައު ފިލްމެއްގެ ޕްރޮޑަކްޝަން ފަށައިފި ކަމަށް ޑިޒްނީން ބުނެފި އެވެ.

ފްރެންޗައިޒްގެ ފަސްވަނަ ފިލްމު ކަމަށްވާ "ޑެޑް މޭން ޓެލް ނޯ ލައިސް" ގައި އެ ސީރީޒްގެ ހުރިހާ ބަޔަކުން ފެނިފައިވާ "ޖެކް ސްޕެރޯ"ގެ ކެރެކްޓާ ކުޅޭ، އޮސްކާއަށް ނޯމިނޭޓް ވެފައިވާ އެކްޓަރު ޖޮނީ ޑެޕް މި ފިލްމްގައި އިސްރޯލެއް ކުޅޭނެ ކަމަށް ވަނީ އެ ކުންފުނިން ބުނެފައެވެ.

ފިލްމުގެ ޕްރޮޑަކްޝަން މިހާރު ފަށާފައިވާ އިރު ފިލުމުގެ އިތުރު ރޯލުތަކުން ފެނިގެން ދާނީ އެ ސީރީޒަށް އައު ތަރިންތަކެކެވެ. އެގޮތުން "ސްކައިފޯލް"ގައި ހަރަކާތްތެރިވާ ޚަވިއާ ބާޑެމް އާއި "ދަ މޭޒް ރަނާ"ގެ ކާޔާ ސްކޮޑިލޭރިއޯ އާއި "ދަ ގިވާ"ގެ ބްރެންޓަން ތްވެއިޓްސްގެ އިތުރުން "އެކްސޮޑަސް: ގޯޑްސް އެންޑް ކިގްސް"ގެ ގޯލްސިފްތޭ ފަރާނީ ފިލްމުގެ އައު ރޯލުތަކުން ފެނިގެން ދާނެއެވެ.

ޑެޑް މޭން ޓެލް ނޯ ލައިސް 2017 ވަނަ އަހަރު ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައިވާއިރު އެ ފިލްމުން ފެނިގެންދާނީ ޖެކް ސްޕެރޯގެ އިތުރުން ހުރިހާ ޕައިރެޓުން މަރާލަން ވެގެން އުޅޭ "ގޯސްޓް ޕައިރޭޓުން"ތަކެއްގެ ކައިރިން އޭނާ ސަލާމަތް ވާން އުޅޭ މަންޒަރެވެ.

ޕައިރެޓްސް އޮފް ދަ ކެރިބިއަންސް ސީރީޒްގެ ފުރަތަމަ ފިލްމް "ދަ ކާރސް އޮފް ބްލެކް ޕާލް" 2003 ވަނައަހަރު އެ ފިލްމަށް ވޯލްޑްވައިޑްކޮށް 654 މިލިއަން އެމެރިކާ ޑޮލަރުގެ ފައިދާއެއް ލިބިފައިވެއެވެ. ސީރީޒްގެ ދެ ފިލްމަކަށް އެއް ބިލިއަނަށްވުރެ ބޮޑު ފައިދާއެއް ލިބިފައިވާއިރު އެއީ ފްރެންޗައިޒްތަކުން އެއް ބިލިއަންގެ ރެކޯޑު މުގުރާލި ފުރަތަމަ ސީރީޒް އެވެ.

ޕައިރެޓްސް އޮފް ދަ ކެރިބިއަންސް ފްރެންޗައިޒް އަށް މިހާތަނަށް 3.73 ބިލިއަން އެމެރިކާ ޑޮލަރުގެ ފައިދާއެއް ވޯލްޑްވައިޑްކޮށް ލިބިފައިވެއެވެ.