18 Feb 2015, 14:48
އެސްޓީއޯ އިން ހިންގަމުން އަންނަ ފުވައްމުލަކު އެއާޕޯޓު ހިންގުމާ ސަރުކާރުން ހަވާލުވުން އަންނަ މާޗް މަހަށް ފަސްކޮށްފި އެވެ.
ރީޖަނަލް އެއާޕޯސްޓް އޮތޯރިޓީގެ ޑިރެކްޓަރު ސާމީ އަގީލް މިއަދު 'ސަން'އަށް ވިދާޅުވީ، ފުވައްމަލަކު އެއާޕޯޓް ސަރުކާރުން ކުރިން ހަވާލުވުމަށް ހަމަޖައްސާފައިވަނީ މިމަހުގެ 15 ވަނަ ދުވަހު ކަމަށެވެ. ނަމަވެސް އެ ތާރީހުގައި އެ އާޕޯޓާ ހަވާލުނުވީ ނުނިމި ހުރި ބައެއް އިދާރީ މަަސައްކަތްތައް ނިންމުމަށް އެސްޓީއޯއިން ބޭނުންވެގެން ކަމަށެވެ.
"އެސްޓީއޯ އިން ރިކުއެސްޓްކޮށްގެން ތާރީހު ފަސްކުރީ، އެކުންފުނިން ބޭނުންވި ތާރީހަށް މިހާރު އެވަނީ ފަސްކޮށްފަ،" ސާމީ ވިދާޅުވި އެވެ.
ފުވައްމުލަކު އެއާޕޯޓް ހެދުމަށް 170 މިލިއަން ރުފިޔާ އެސްޓީއޯއިން ހޭދަކޮށްފައިވާއިރު އެ އެއާޕޯޓް އޮޕަރޭޓް ކުރުމަށް މިހާރު އަހަރެއްގެ މައްޗަށް އެއް މިލިއަން ރުފިޔާ ހަރަދުވާ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފަ އެވެ.
ފުވައްމުލަކު އެއާޕޯޓް ސަރުކާރުން ހިންގާ ގޮތަށް ރައީސް އަބްދުﷲ ޔާމީން ނިންމެވީ އެ އެއާޕޯޓުން އެސްޓީއޯއަށް ފައިދާ ނުވެ ގެއްލުމުގައި އެތަން ހިންގަމުން ގެންދާތީ އެވެ. އަދި އެ އެއާޕޯޓާ ސަރުކާރުން ހަވާލުވުމަށްފަހު އެސްޓީއޯއަށް ބަދަލުދޭނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.