18 Feb 2015, 14:23
މި އަހަރުތެރޭ މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ބަށިބޯޅަ ލީގާއި ބަށިބޯޅައިގެ ޒޯން މުބާރާތްތައް ބޭއްވުމަށް ބަށިބޯލް ފައުންޑޭޝަން އޮފް މޯލްޑިވްސް (ބީއެފްއެމް)އިން ތައްޔާރު ވެއްޖެ އެވެ.
ބަށިބޯޅަ ލީގާއި ޒޯން މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލެވިފައި ވާކަން އިއުލާނުކޮށް، ބީއެފްއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި އަހަރުގެ ބަށިބޯޅަ ލީގު އޭޕްރިލް މަހާއި މޭ މެހު ކުރިއަށް ގެންދަން ރާވާފައި ވާކަމަށެވެ.
ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ލީގު ކުރިއަށް ގެންދަން ހަމަޖެހިފައި ވާއިރު، ކޮންމެ ރަށަކުންވެސް ޒޯން މުބާރާތަށް ކޮލިފައިވާ ގޮތަށް ބީއެފްއެމުން ހަމަޖައްސާފައި ވަނީ ލީގުގެ އެންމެ ކުރި ހޯދާ ޓީމެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ލީގު ކުރިއަށް ގެންދަން ހަމަޖެހިފައި ވާއިރު، ލީގުގައި ވާދަކުރެވޭނީ ހަމައެކަނި ބީއެފްއެމްގައި ރަޖިސްޓްރީ ކުރެވިފައިވާ ޓީމްތަކަށެވެ. ކޮންމެ ރަށަކުންވެސް ލީގުގައި ބައިވެރިވާ ޓީމްތައް ބީއެފްއެމްގައި ރަޖިސްޓްރީ ކުރަން އެ އެސޯސިއޭޝަނުން ކަނޑައަޅާފައިވާ އެންމެ ފަހު ތާރީޚަކީ 20 މާޗް އެވެ. އަދި ލީގުގައި ބައިވެރިވާ ޓީމްތަކުގެ ޓީމް ލިސްޓު ފުރިހަމަ މައުލޫމާތާއެކު ބީއެފްއެމަށް ހުށަހަޅަން ކަނޑައަޅާފައިވާ އެންމެ ފަހު ތާރީޚަކީ 26 މާޗް އެވެ.
ލީގުތަކަށް ފަހު ޒޯން މުބާރާތްތައް ބީއެފްއެމުން ބާއްވަން ނިންމާފައި ވަނީ އޯގަސްޓު 1 ކުން 30 ށެވެ. އަދި ޒޯންތަކުގެ ޗެންޕިއަން ޓީމްތަކާއެކު ގްރޭންޑް ފައިނަލެއް ބާއްވަން ބީއެފްއެމުން ނިންމާފައި ވާއިރު، އެ މުބާރާތުގެ ތާރީޚާއި ތަން ފަހުން އިއުލާނު ކުރެވޭނެ ކަމަށް ބީއެފްއެމުން ވަނީ ބުނެފައެވެ.
ލީގާއި ޒޯން މުބާރާތްތައް ކުރިއަށް ދާއިރު، މެޗުތަކުގެ މައުލޫމާތު ބީއެފްއެމްއާ ހިއްސާ ކުރުމަށް އެ އެސޯސިއޭޝަނުން ވަނީ ހާއްސަ ފޯކަލް ޕޮއިންޓް ތަކެއް ރަށްރަށުގައި ކަނޑައަޅާފައެވެ. އަދި ފޯކަލް ޕޮއިންޓުތައް މިހާތަނަށް ގާއިމް ކުރެވިފައި ނުވާ ރަށްރަށުގައި ކުޅޭ މެޗުތަކުގެ މައުލޫމާތު ބީއެފްއެމާ ގުޅައިގެން ހިއްސާ ކުރުމަށް ބީއެފްއެމުން ވަނީ އެދިފައެވެ.
އޭގެ އިތުރުން ބީއެފްއެމުން ކުރިއަށް ގެންދާ މުބާރާތްތަކުގައި ބައިވެރިވާ ޓީމްތަކަކީ ބީއެފްއެމްގައި ރަޖިސްޓްރީ ކުރެވިފައިވާ ޓީމް ތަކަކަށް ވާން ޖެހޭ ކަމަށާއި، ޓީމްތައް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މި އަހަރުގެ ޑިސެމްބަރު މަހާ ހަމައަށް ހުޅުވާލެވިފައި ވާކަމަށް ބީއެފްއެމުން ވަނީ ބުނެފައެވެ. އަދި މި އަހަރު ބާއްވާ ލީގާއި ޒޯން މުބާރާތްތަކުގެ އިތުރު މައުލޫމާތު އެ އެސޯސިއެޝަންގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށްވެސް ބީއެފްއެމުން މައުލޫމާތު ދެއެވެ.