ޗެންޕިއަންސް ލީގުގައި ރޭ އިނގިރޭސި ޕްރިމިއާ ލީގު ލީޑު ކުރަމުންދާ ޗެލްސީ އާއި ފްރާންސްގެ ލީގް ވަންގެ ތިންވަނަ ޕެރިސް ސެއިންޓް ޖާމެއިން (ޕީއެސްޖީ) ބައްދަލުކުރި މެޗުގައި، ޗެލްސީ ލީޑު ނަގާފައި ވަނިކޮށް، ފަހަތުން އަރައި ޕީއެސްޖީ މެޗުގެ ނަތީޖާ އެއްވަރު ކޮށްފި އެވެ.

ޗެންޕިއަންސް ލީގުގެ ގަދަ 16ގައި ރޭ އެ ދެ ޓީމް ވާދަކުރި މެޗު ނިމިގެން ގޮސްފައި ވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރު ވެގެނެވެ. މެޗުގެ ފުރަތަމަ ހާފްގައި ގިނަ ވަގުތު ބޯޅަ ހިފައްޓައިގެން މަސައްކަތްކުރި ޗެލްސީ ވަނީ އެ ހާފްގެ ފަހުކޮޅު ރަނގަޅު ހަމަލާތަކެއް އުފައްދާ، މެޗުގެ ލީޑު ނަގާފައެވެ. ޗެލްސީއަށް މެޗުގައި ކާމިޔާބު ކުރެވުނު ހަމައެކަނި ލަނޑު 36 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ އިވަނޮވިޗް އެވެ.

ފުރަތަމަ ހާފްގައި ޗެލްސީ ގިނަ ވަގުތު ބޯޅަ ހިފައްޓައިގެން ކުޅުނު ނަމަވެސް ޕީއެސްޖީ ވަނީ ޗެލްސީއަތުން ދޫވި ދެ ޕާހެއްގެ ބޭނުން ހިފައި، ރަނގަޅު ދެ ހަމަލާއެއް އުފައްދާފައެވެ. މެޗުގެ 11 ވަނަ މިނެޓުގައި ޕީއެސްޖީން އުފެއްދި ފުރަތަމަ ނުރައްކާތެރި ހަމަލާ ޗެލްސީގެ ކީޕަރު ކޯޓުއާ ދިފާއު ކޮށްފައި ވާއިރު، ދެވަނަ ހަމަލާގައި އެ ޓީމަށް ވަނީ މާ ނުރައްކާތެރި ބޯޅައެއް ކުރިއަށް ފޮނުވާލެވޭ ގޮތް ނުވެފައެވެ.

ހާފްގެ ފަހު ވަގުތުކޮޅު ޗެލްސީއަށް ލިބުނު ލީޑާއެކު ޕީއެސްޖީ ކުރިއަށް ޖެހިލި ނަމަވެސް، އެ ވަގުތުކޮޅު އެ ޓީމަށް ވަނީ މާ ނުރައްކާތެރި ހަމަލާއެއް އުފެއްދޭ ގޮތް ނުވެފައެވެ. ނަމަވެސް ދެވަނަ ހާފް، ރަނގަޅު ފޯމެއްގައި ފެށި ޕީއެސްޖީ ވަނީ ހާފް ފެށިތާ ނުވަ މިނެޓުތެރޭ އެޑިންސަން ކަވާނީ ކާމިޔާބު ކޮށްދިން ލަނޑާއެކު މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

ދެވަނަ ހާފްގައި ރަނގަޅު ކުޅުމެއް ދައްކައި ގިނަ ހަމަލާތަކެއް އުފައްދާފައި ވަނީ ޕީއެސްޖީ އެވެ. އެގޮތުން ނަތީޖާ ހަމަހަމަވިތާ އިރުކޮޅެއް ތެރޭ ޕީއެސްޖީގެ އިބްރަހަމޮވިޗް، ބާރު ޝޮޓެއް ޗެލްސީގެ ގޯލަށް އަމާޒުކޮށްލިއިރު، އެ ޝޮޓު ދިފާއު ކުރީ ޗެލްސީގެ ކީޕަރެވެ.

ތިން މެޗުގެ ސަސްޕެންޝނެއްގައި ހުރުމަށް ފަހު ޗެލްސީގެ ފުރަތަމަ 11ގައި ފުރަތަމަ ފަހަރށް ހިމެނުނު ޑިއޭގޯ ކޯސްޓާ އާއި ޕީއެސްޖީގެ ޑޭވިޑް ލުއިޒްއާ ދެމެދު ކޮންމެސް ވަރެއްގެ ބަހުގެ ހަމަނުޖެހުންތަކެއް ދެވަނަ ހާފްގެ މެދުތެރޭ ހިނގާފައި ވާއިރު، ރެފްރީ ވަނީ އެކަން ކޮންޓްރޯލްގެ ދަށަށް ގެނެސްފައެވެ.

ދެވަނަ ހާފްގެ ފަހު ވަގުތުކޮޅު ދެ ޓީމްގެ ފަރާތުންވެސް ފެނިގެން ދިޔައީ ޓަފް ކުޅުމެކެވެ. ނަތީޖާ ހަމަހަމަ ވުމުން ބޮޑަށް ޑިފެންސަށް އިސްކަން ދީގެން ޗެލްސީ ކުޅެފައި ވާއިރު، އެ ހާފްގެ ފަހު ވަގުކޮޅު ގޭމް ކޮންޓްރޯލް ކުރަމުން ދިޔައީ ޕީއެސްޖީއެވެ.

ދެވަނަ ހާފްގެ ފަހު ވަގުތުކޮޅު ޕީއެސްޖީއަށް އުފެއްދުނު އެންމެ ނުރައްކާތެރި ހަމަލާ ފެނިގެން ދިޔައީ އިރުތު ވަގުތުގެ ތެރޭގައެވެ. ނަމަވެސް މެކްސްވެލް ނަގައިދިން ހުރަހަކުން ޕީއެސްޖީގެ ފޯވާޑް ލައިންގައި ރަނގަޅު ކުޅުމެއް ދައްކަމުން އައި އިބްރަހަމޮވިޗް ކުރިއަށް ފޮނުވާލި ބޯޅަ ކީޕަރު ކޯޓުއާ ވަނީ ހުށިޔާރު ކަމާއެކު ދިފާއު ކޮށްފައެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން އެއްވަރުވުމަށް ފަހު، ގަދަ 16ގެ ދެވަނަ ލެގުގައި ޕީއެސްޖީ ދެން ޗެލްސީއާ ބައްދަލުކުރާނީ ޗެލްސީގެ ދަނޑުގައި އަންނަ މަހުގެ 11 ވަނަ ދުވަހު އެވެ.