މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލާ މަރުކަޒުގެ ތެރޭގައި ކެމެރާއެއް ހިފައިގެން އުޅުނު މީހެއްގެ މައްސަލަ އިލެކްޝަންސް ކޮމިޝަނުން ފުލުހުންނަށް ހުށަހަޅައިފި އެވެ.

އިލެކްޝަންސްގެ ހުއްދައެއް ނެތި ކެމެރާއެއް ވޯޓުލާ މަރުކަޒަށް ވެއްދި މީހެއްގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާކަން އެ ކޮމިޝަނުން ވެސް ވަނީ ބުނެފަ އެވެ. އަދި އެ މައްސަލަ ލިބިފައިވާކަން ފުލުހުން ވެސް ވަނީ ޔަގީންކޮށްދީފަ އެވެ.

އެކަމަކު އެ މައްސަލައިގެ ތަފްސީލެއް އެއްވެސް ފަރާތަކުން ނުދެ އެވެ.

ވޯޓުލާ މަރުކަޒަށް ކެމެރާ ފަދަ ތަކެތި ވެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައި ވަނީ ހަމައެކަނި ފާސް ދޫކޮށްފައިވާ މީޑިޔާގެ ފަރާތްތަކަށް އެކަންޏެވެ.

މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި މިފަދަ ގިނަ މައްސަލަތަކެއް ހިނގާފައިވާކަން ފާހަގަ ކުރެވެ އެވެ. އެގޮތުން އެންމެ ބޮޑު މައްސަލައެއް ކަމަށް އިލެކްޝަންސް އިން ފާހަގަކޮށްފައި ވަނީ ވޯޓުލުމަށް ނުކުޅެދޭ މީހުންނަށް އެހީތެރިވެދޭ މައްސަލަ އެވެ.