18 Feb 2015, 14:01
މަސްވެރިކަން ރަނގަޅު ކުރުމަށްޓަކައި ރާއްޖޭގެ އެކި ހިސާބުތަކުގައި އަޅާފައި ހުރި ކަނދުފަތި ތަކުގެ ތެރެއިން ހަލާކުވެފައި ހުރި ހަތަރު ކަނދުފައްޗެއް ބަދަލުކޮށްފި އެވެ.
މަސްވެރިންގެ ލާބަޔާއި މަންފާއަށް ސަރުކާރުން ހިންގާ "ކާމިޔާބު އޮއިވާލި ކަނދުފަތި" ޕްރޮގާމްގެ ދަށުން، ހަލާކުވެފައި ހުރި 10 ކަނދުފައްޗެއް ބަދަލުކުރުމުގެ ދަތުރެއް ފިޝަރީޒް މިނިސްޓްރީން ވަނީ ފަށާފަ އެވެ.
އެކަމާ ގުޅޭ މައުލޫމާތު ހިއްސާ ކުރައްވަމުން ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝަޒައިލް ޝިޔާމް މިއަދު "ސަން" އަށް ވިދާޅުވީ، ފިޝަރީޒް މިނިސްޓްރީން އަޅާފައިވާ ކަނދުފަތިތަކުގެ ތެރެއިން ހަލާކުވެފައިވާ ކަނދުފަތިތައް ބަދަލުކުރުމުގެ "ދަތުރެއް" ފަށާފައިވާ ކަމަށެވެ.
އެގޮތުން އެ ދަތުރުގެ ދަށުން މިހާރު ހަތަރު އަތޮޅެއްގެ އެކި ހިސާބުތަކުގައި އަޅާފައިވާ ކަނދުފަތިތައް ބަދަލުކޮށްފައިވާ ކަމަށާއި ބަދަލުކޮށްފައި ވަނީ މ. މަޑުއްވަރި އާއި ލ. މާބައިދޫ އާއި ގއ. ދާންދޫގެ އިތުރުން ގދ. ގައްދޫ ކައިރީގައި އަޅާފައިވާ ކަނދުފަތިތައް ކަމަށެވެ. އަދި މާދަމާ ސ. މަރަދޫ ކައިރީގައިވާ ކަނދުފަތި ބަދަލުކުރާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ދަތުރުގެ ތެރެއިން ޖުމްލަ 10 ކަނދުފަތި ބަދަލުކުރާނަން. އެއީ ހަލާކުވެ ކެނޑިފައިވާ ކަނދުފަތިތައް. ހަތަރު ރަށެއްގެ ކަނދުފަތި މިހާރު ވަނީ ބަދަލުކޮށްފައި. މާދަމާ ފަސްވަނަ ރަށުގެ ކަނދުފަތި ބަދަލުކުރާނަން،" ޝަޒައިލް ވިދާޅުވި އެވެ.
މަސްވެރިންގެ ލާބަޔާއި މަންފާއަށް "ކާމިޔާބު އޮއިވާލި ކަނދުފަތި"ގެ ނަމުގައި ސަރުކާރުން ދަނީ ޕްރޮގްރާމެއް ހިންގަމުންނެވެ. އެގޮތުން ފިޝަރީޒް މިނިސްޓްރީން ރާއްޖޭގެ އެކި ހިސާބުތަކުގައި ޖުމްލަ 54 ކަނދުފަތި އަޅާފައިވެ އެވެ.