18 Feb 2015, 13:50
ދުނިޔޭގެ އެކި ކުންފުނިތަކުގެ ހިއްސާދާރުންނަށް ހިއްސާގެ ފައިދާގެ ގޮތުގައި ބަހާފައިވާ ޖުމްލަ ފައިސާ، ފާއިތުވި އަހަރު ރިކޯޑް މިންވަރަކަށް މަތިވެފައިވާ ކަމަށް ހެންޑަރސަން ގްލޯބަލް އިންވެސްޓަރސް އިން ބުނެފި އެވެ.
ހެންޑަރސަން އިން ނެރެފައިވާ ރިޕޯޓެއްގައި ވާގޮތުން މުޅި ދުނިޔޭން ޖުމްލަ ގޮތެއްގައި ހިއްސާގެ ފައިދާގެ ގޮތުގައި މިދިޔަ އަހަރު 1.17 ޓްރިލިއަން ޑޮލަރު ވަނީ ހިއްސާދާރުންނަށް ބަހާފައެވެ. މިއީ 2013 ވަނަ އަހަރާއި އަޅަިބަލާއިރު އެގާރަ ޕަސެންޓް އިތުރު އަދަދެކެވެ.
ހިއްސާދާރުންނަށް އެންމެ ބޮޑު ފައިދާއެއް ބަހާފައިވަނީ އެމެރިކާގެ ކުންފުނިތަކުންނެވެ. އެ ގައުމުގެ ކުންފުނިތަކުން ވަނީ 52 ބިލިއަން ޑޮލަރު ހިއްސާދާރުންނަށް ބަހާފައެވެ.
ހިއްސާގެ ފައިދާ ޖުމްލަ ގޮތެއްގައި އިތުރުވެފައި ވީނަމަވެސް ދުނިޔޭގެ އެކި ސަރަހައްދުތަކުގައި އަދި އެކި ސިނާއަތްތަކުގައި ހަރަކާތްތެރިވާ ކުންފުނިތަކުން ހިއްސާގެ ގޮތުގައި ބާހާފައިވާ މިންވަރުގައި ބޮޑެތި ތަފާތުތަކެއް އެބަހުއްޓެވެ.
ނިމިދިޔަ 2014 ވަނަ އަހަރަކީ ހިއްސާދާރުންނަށް އުފާވެރި އަހަރެއް ކަމުގައިވީނަމަވެސް މިއަހަރު ހިއްސާދާރުންނަށް ލިބޭ ފައިދާ، ދަށްވާނެ ކަމަށް ހެންޑަރަސަން ވަނީ ލަފާކޮށްފައެވެ. އެގޮތުން މިއަހަރު ހިއްސާދާރުންނަށް ބަހާ ފައިދާ އިތުރުވެގެންދާނީ އެންމެ ޕަސެންޓަކުން ކަމަށް އެ ކުންފުނިން ބުނެއެވެ. މީގެ އެއް ސަބަބަކީ ޑޮލަރުގެ އަގު އުފުލުން ކަމަށް އިގްތިސާދީ މާހިރުން ލަފާކުރެއެވެ.
ހެންޑަރސަން އަކީ 1934 އަކުން ފެށިގެން ހިއްސާގެ ގަނެ ވިއްކުމުގައި އެހީތެރިވެދޭ ކުންފުންޏެކެވެ. މި ކުންފުނި ޚާއްސަވަނީ ކަސްޓަމަރުންގެ ފަރާތުން އެ މީހުންގެ ހިއްސާ އާއި ރައުސްމާލު ބެލެހެއްޓުމަށެވެ. މި ކުންފުނިން ބަލަހައްޓާ ހިއްސާ އާއި ރައުސްމާލުގެ އަގު 79.9 ބިލިއަން ޕައުންޑަށް އަރައެވެ.