ރާއްޖޭގެ ނޫސްވެރިކަމުގެ ތެރެއަށް ބާރާއި ނުފޫޒު ވަރަށް ބޮޑަށް ވަދެފައިވާ ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގުރާމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ރޭ ވިދާޅުވީ، ރާއްޖޭގައި ނޫސްވެރިކަން ފަހަތަށް ގޮސްފައިވާ ކަމަށާއި ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމަށް ހުރިހާ އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

"ޕްރިންޓު އަދި އޮންލައިން މީޑިއާ ތަކުގައި ތިބި ނޫސްވެރިން އަބަދު އަބަދު ތިބެނީ ބިރުވެރިކަން މަތީގައި. އެކިއެކި ގޮތް ގޮތުން ފޯނުކޮށްގެން ބިރުދައްކާ، ގާތް ތިމާގެ މީހުންގެ ވަޒީފާގެ ފުރުސަތުތައް ނަގާލައިގެން ބިރު ދައްކާ. ގެއަށް މީހުން ގެނެސްގެން ބިރުދައްކާ. ނޫސްތަކުގެ އެޑިޓޯރިއަލްއަށް އެކި ބާވަތުގެ ނުފޫޒު ފޯރުވައިގެން ނޫސްތަކަށް ހީނަރުކަން ގެނުވާ. ރާއްޖޭގެ މީޑިއާގެ ހާލަތު ދަށްވުމަކީ މުޅި ދުނިޔެއަށް ފެންނަން އޮތް އެއްޗެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ ނޫސްވެރިންނަށާއި ނޫސް އިދާރާތަކަށް ދެމުންދާ ހަމަލާތަކަކީ ބަޔަކު މީހުން އަޑީގައި ތިބެގެން ކުރާ ކަމެއް ކަމަށެވެ. އަދި އެކަން ހޯދާ ބަލަން ޖެހޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ރާއްޖެ ޓީވީ ރޯކޮށްލި ފަރާތެއް ހޯދަން އަޅުގަނޑު އަބަދުވެސް މަސައްކަތް ކުރާނަން. މި ތަން ރޯކޮށްލީ ކާކަށް ކާކު ފައިސާގެންދީގެންތޯ އަޅުގަނޑު އަބަދުވެސް ބަލާނަން. އަޅުގަނޑުމެންނަށް ފޮޓޯ ތަކުން ފެންނަނީ މޫނުތައް. އަޅުގަނޑު ހަމަ ޔަގީން އެކުދިން ރާއްޖެ ޓީވީ ރޯކޮށްލަންޖެހޭ އެއްވެސް ސަބަބެއް ނެތް. ކޮންމެވެސް މީހަކު ކޮންމެވެސް ފަރާތެއްގެ އެންގުމަކަށް ރޯކޮށްލީ. އަޅުގަނޑުމެން އެބަޖެހޭ އެމީހުން ހޯދަން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވި އިރު ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރު މި އަހަރު ދަރަޖަ ކޮށްފައި ވަނީ 112 ވަނައިގައެވެ. އެއީ މިދިޔަ އަހަރުގެ އިންޑެކްސްގައި ރާއްޖެ ހިމަނާފައި އޮތް 108 ވަނަ އަށް ވުރެ ހަތަރު ދަރަޖައިގެ ވެއްޓުމެކެވެ.