18 Feb 2015, 13:04
ބަނޑޭރި ކޮށީގައި ދިރިއުޅެމުންދިޔަ ކުރީގެ ސިފައިންގެ މީހަކު އެތަނުން ނުކުތުމަށް އެންގި އެންގުމާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފި އެވެ.
ބަނޑޭރިކޮށިން ނުކުތުމަށް ކުރީގެ ސިފައިންގެ މީހެއް ކަމުގައިވާ ގދ. ތިނަދޫ މެންގޯޓްރީ މުހައްމަދު އަލީއަށް އެންގި އެންގުމަށް އަމަލުކުރުން ފަސްކުރަން ވަގުތީ އަމުރެއް ނެރެފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ.
ސިވިލް ކޯޓުގެ އަމުރުގައި ވަނީ މުހައްމަދު އަލީ އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ މެދު ޝަރީއަތުން ގޮތެއް ނިމެންދެން، ބަނޑޭރި ކޮށީގައި އޭނާ ދިރިއުޅެމުންދިޔަތަން ހުސްކޮށް، އެތަނުން ނުކުތުމަށް އަންގައި މިދިޔަ މެއި މަހުގެ 27 ވަނަ ދުވަހު އެމްއެންޑީއެފް އިން މުހައްމަދު އަލީއަށް ފޮނުވި ސިޓީއާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށް އެމްއެންޑީއެފް އަށް އަންގައި އަމުރުކުރާ ކަމަށެވެ.
އެ އަމުރު ނެރެފައި ވަނީ މުހައްމަދު އަލީ ހުށަހެޅި މައްސަލަ ބެލުމަށްފަހު ހުކުމް ކުރެވޭއިރު އެ ހުކުމުގެ މަގުސަދު ހާސިލުނުވެދާނެތީ ކަމަށް ވެސް ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރުގައި ވެއެވެ.
މުހައްމަދު އަލީ ކުރި ދައުވާގައިވާގޮތުން އޭނާ ދިރިއުޅުމަށް ބަނޑޭރިކޮށިން ގޯތި ދޫކޮށްފައި ވަނީ 1987 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހުއެވެ.
ދައުވާގައި ވަނީ އެ ގޯތީގައި މުހައްމަދު އަލީގެ އަމިއްލަ ޚަރަދުގައި އިމާރާތްކޮށް ދިގުމުއްދަތެއްގައި ދިރިއުޅެމުންދަނިކޮށް، އެތަނަކީ އެމްއެންޑީއެފްގެ ފްލެޓެއް ކަމަށްބުނެ، އެހެންތަނަކަށް ބަދަލުވުމަށް އެކަށީގެންވާ ފުރުސަތެއް ނުދީ، އަދި އޭނާ އަމިއްލަ ޚަރަދުގައި ކޮށްފައިވާ އިމާރާތައް އެއްވެސް ބަދަލެއްނުދީ އެތަން ހުސްކޮށް އެތަނުން ނުކުތުމަށް އަންގާފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށެވެ. އެހެންކަމުން އެމްއެންޑީއެފްގެ ފަރާތުން މާލީ ބަދަލު ނަގައިދިނުމަށް އޭނާ ވަނީ އެދިފައެވެ.