ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގައި، އާންމު މަސްލަހަތައްޓަކައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުވާ ނުކުރުމަށް އެމަނިކުފާނުގެ ގާނޫނީ ޓީމުން ޕްރޮސިކިއުޓާ ޖެނެރަލްގެ ކިބައިން އެދިވަޑައިގެންފި އެވެ.

ރައީސް ނަޝީދުގެ ގާނޫނީ ޓީމުން ޕްރޮސިކިއުޓާ ޖެނެރަލް އަށް ފޮނުއްވި ސިޓީގައި ވަނީ އެމަނިކުފާނުގެ މައްޗަށް އަލުން ދައުވާ ކުރުމަކީ ދިވެހިރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އެކަމާ ނުރުހޭ ކަމެއް ކަމަށެވެ. އެހެންކަމުން އާންމު މަސްލަހަތައްޓަކައި އެމަނިކުފާނުގެ މައްޗަށް ދައުވާ ނުކުރުމަށް ގާނޫނީ ޓީމުން ވަނީ އެދިވަޑައިގެންފައެވެ.

ރައީސް ނަޝީދުގެ މައްޗަށް ދައުވާ އުފުލުމުގައި ރިއާޔަތްކޮށްފައިވާ ހަގީގަތްތަކަށް އެއްވެސް ބަދަލެއް އައިސްފައިނުވާއިރު އެ ހަގީގަތުގެ މައްޗަށް އަލުން ދައުވާކުރުމަށް ގާނޫނު އަސާސީ ޖާގަ ނުދޭކަމަށް އެ ސިޓީގައި ވެއެވެ. އެ މައްސަލަ އަނބުރާ ގެންދަވާފައިވާއިރު، އަލުން ދައުވާކުރުމަކީ ގާނޫނުން ޕްރޮސިކިއުޓާ ޖެނެރަލް އަށް ލިބިދީފައިވާ ބާރުތަކަށް ބަލާއިރު ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް އެ ސިޓީގައި ވެއެވެ.

މީގެކުރިން ރައީސް ނަޝީދުގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ސިފައިންގެ އެންމެ މަތީ ވެރިޔާގެ ގޮތުގައި ހުންނަވައި، 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުގެ ރޭ ސިފައިން މެދުވެރިކޮށް އަބްދުﷲ ގާޒީ ގާނޫނާ ޚިލާފަށް ހައްޔަރުކޮށް ކ. ގިރިފުށީގައި ބަހައްޓާފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އާއި ހިއުމަންރައިޓްސް ކޮމިޝަންގެ ތަހުގީގުން އެނގެން އޮންނާތީ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ. އެ މައްސަލަ އަނބުރާ ގެންގޮސްފައި ވަނީ އިތުރަށް ދިރާސާ ކުރުމަށް ކަމަށް ވެސް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.