މިސްކިތްތަކުގައި މަސައްކަތް ކުރާ މަސައްކަތު މީހުންގެ އިތުރުގަޑިއާއި ބަންދު ދުވަސްތަކުގެ ފައިސާ އަލުން ދޭން ފަށައިފި އެވެ.

އެ ފައިސާ އަކީ ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން މުވައްޒަފުންނަށް ދޭން ލާޒިމްކުރާ ފައިސާ އެކެވެ. ނަމަވެސް މިސްކިތްތަކުގެ މުވައްޒަފުންނަށް އެ ފައިސާ ދިނުން 2010 ވަނަ އަހަރު ރައީސް ނަޝީދުގެ ސަރުކާރުގައި ވަނީ ހުއްޓާލާފަ އެވެ.

ފައިސާ އަލުން ދޫކުރަން ފަށާފައިވާ ރަށްތަކުގެ ތެރޭގައި ހިމެނޭ، ޏ. ފުވައްމުލަކު ކައުންސިލްގެ ޒިންމާދާރު ވެރިޔާ މުނީރު ހަސަން މިއަދު 'ސަން' އަށް ވިދާޅުވީ، 2010 ވަނަ އަހަރު އެ ފައިސާ ދިނުން ސަރުކާރުން ހުއްޓާލާފައި ވަނީ ބަޖެޓުގައި އެކަށީގެންވާ މިންވަރަށް ފައިސާ ނެތްކަމަށް ނިންމެވުމުން ކަމަށެވެ.

އެހެންކަމުން އެ ދުވަހުން ފެށިގެން މިސްކިތްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދެވޭ އިތުރުގަޑީގެ ފައިސާ ދީފައި ނުވާ ކަމަށާއި، ނަމަވެސް އެ ފައިސާ އަކީ ގާނޫނުގެ ދަށުން ލިބެންޖެހޭ ފައިސާ އަކަށް ވާތީ އެ ފައިސާ ހޯދައިދިނުމަށް ކައުންސިލުން ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ފަށާފައިވާ ކަމަށެވެ.

"އެ މަޝްވަރާތަކަށް ފަހު ފިނޭންސް މިނިސްޓްރީން ވަނީ ފައިސާ ޖަމާކޮށްދީފައި. ދެން މީގެކުރިން އިތުރުގަޑީގެ ފައިސާ ދިނުން ހުއްޓާލި ދުވަހުން ފެށިގެން މިއަދާ ހަމައަށްވާ ފައިސާ މިސްކިތްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބަހަމުން އަޅުގަނޑުމެން މިއަދު މި ގެންދަނީ،" މުނީރު ވިދާޅުވި އެވެ.

އެގޮތުން މިއަދު އިތުރުގަޑީގެ ފައިސާ ބަހަން ފަށާފައިވާ އިރު ބައެއް ފަރާތްތަކަށް 100،000 ރުފިޔާ ވެސް ލިބޭކަމަށް މުނީރު ވިދާޅުވި އެވެ.