18 Feb 2015, 11:44
ދިރާގުގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަންގެ މަގާމުގައި ހުންނެވި ރިލްވާން ޝަރީފް އެ މަގާމުން ވަކިކުރައްވައި، އެމަގާމަށް، މިނިސްޓްރީ އޮފް ފިނޭންސްގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު އަޝްމަލީގެ ނަން ރައީސް އަބްދުﷲ ޔާމީން، ޕްރައިވަޓައިޒޭޝަން ބޯޑަށް ހުށަހަޅުއްވައިފި އެވެ.
ޕްރައިވަޓައިޒޭޝަން ބޯޑުގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވި ގޮތުގައި ދިރާގުގެ ޗެއާމަން ކަމަށް އަޝްމަލީގެ ނަން ރައީސް ޔާމީން ހުށަހެޅުއްވީ އިއްޔެގެ ވަގުތެއްގައެވެ.
ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އިބްރާހިމް މުއާޒް އަލީ ވިދާޅުވީ، ދިރާގުގެ ޗެއާމަން ކަމުން ރިލްވާން ވަކިކުރެއްވީ އެހެން ބޭފުޅަކު އެ މަގާމަށް އައްޔަން ކުރެއްވުމަށް ކަމަށެވެ. އަދި އަލަށް އައްޔަން ކުރައްވާ ބޭފުޅެއްގެ ނަން ޕްރައިވެޓައިޒޭޝަން ބޯޑަށް ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ހުށަހަޅުއްވާފައި ވާކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އަޝްމަލީ ބަދަލުކުރެއްވީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އަޝްމަލީ އަކީ ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕީއެމްގެ މެމްބަރެކެވެ.
ދިރާގުގެ ޗެއާމަން ކަމުގެ މަގާމުގައި ކުރިން ހުންނެވި ރިލްވާން އެ މަގާމަށް އައްޔަށްކޮށްފައި ވަނީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައެވެ. ދިރާގުގެ ޗެއާމަނަކު އައްޔަން ކުރަނީ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރުން ހަމަޖައްސާ ޑިރެކްޓަރުންގެ ތެރެއިންނެވެ.