18 Feb 2015, 11:13
ޔޫއެފާ ޗެންޕިއަންސް ލީގުގައި ރޭ، ދެވަނަ ހާފްގެ ބޮޑު ބައެއް 10 ކުޅުންތެރިންނާއެކު ކުޅެމުން ދިޔަ ބަޔާން މިއުނިކް، ޔޫކްރެއިން ލީގުގެ ދެވަނަ ޓީމްކަމަށްވާ ޝަޚްތާ ޑޮނެޓްސްކް ލަނޑެއް ކާމިޔާބު ކުރިޔަ ނުދީ ހިފަހައްޓާލައިފި އެވެ.
ޗެންޕިއަންސް ލީގުގެ ގަދަ 16ގެ ފުރަތަމަ ލެގުގައި ރޭ އެ ދެ ޓީމް ބައްދަލުކުރި މެޗު ނިމިގެން ދިޔައީ ލަނޑެއް ނުޖެހި އެއްވަރު ވެގެނެވެ. ގިނަ ރީނދޫ ކާޑުތަކެއް ފެނިގެން ދިޔަ އެ މެޗުގެ 65 ވަނަ މިނެޓުގައި ދެ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކައި، ބަޔާންގެ މިޑްފީލްޑަރު ޒަވީ އެލޮންސޯ ވަނީ ދަނޑުން ފޮނުވާލާފަ އެވެ.
ޒަވީއަށް ދެއްކި ކާޑާއެކު މެޗުގައި ޝަޚްތާގެ ގޯލަށް ރަނގަޅު ހަމަލާތަކެއް އުފައްދަމުން އައި ބަޔާނަށް ވަނީ ޑިފެންސަށް އިސްކަން ދޭން މަޖުބޫރު ވެފައެވެ. އަދި އަދަދުގެ އެޑްވާންޓޭޖް ނަގައި، އަމިއްލަ ދަނޑުގައި މެޗު ކުޅެމުން ދިޔަ ޝަޚްތާ އެ ވަގުތުކޮޅު ކުރިއަށް ޖެހިލައި މެޗުގެ ކުރި ހޯދަން ކުރި މަސައްކަތް ވަނީ ނާކާމިޔާބު ވެފައެވެ.
ބަޔާންއަށް މެޗުގައި ހަމަޖެހިލެވުނީ އެ ޓީމްގެ ކޯޗް ޕެޕް ގާޑިއޯލާ ދެ ބަދަލެއް ގެނެސް، ޑިފެންޑަރު ހޮލްގާ އާއި ފޯވާޑް ރޮބާޓް ލެވެންޑައުސްކީ ކުޅެން އެރުވުމުން ނެވެ. އެ ދެ ބަދަލާއެކު ޑިފެންސް ލައިންގައި ހަތަރު ޑިފެންޑަރުން ޝަޚްތާގެ ހަމަލާތައް ހިފައްޓާލި ނަމަވެސް، ޝަޚްތާގެ ގޯލަށް ނުރައްކާކުރަން އެރުވި ލެވަންޑައުސްކީއަށް ވަނީ މެޗުގައި މާ ރަނގަޅު ހަމަލާއެއް އުފެއްދޭ ގޮތް ނުވެފައެވެ.
މެޗުގެ ފުރަތަމަ ހާފްގައި ބަޔާން ވަނީ ޝަޚްތާގެ ގޯލަށް ގިނަ ނުރައްކާތެރި ހަމަލާތަކެއް އުފައްދާފައެވެ. މެޗު ފެށިތާ ދެ މިނެޓުތެރޭ ބަޔާންގެ އެޓޭކިން މިޑްފީލްޑަރު އަރްޔަން ރޮބެން ނަގައިދިން ހުރަހަކުން ބަސްޓިއަން ރަނގަޅު ޝޮޓެއް ހެދިއިރު، އޭނާގެ ޝޮޓު ދިޔައީ ގޯލަށް އަމާޒު ނުވެއެވެ.
ފުރަތަމަ ހާފްގައި ބަޔާންގެ ފޯވާޑް ލައިންގައި ރޮބެން އެ ޓީމްގެ ސްޓްރައިކަރުންނަށް ގިނަ ފުރުސަތުތަކެއް ވަނީ ތަނަވަސްކޮށްދީފަ އެވެ. ނަމަވެސް އޭނައާއެކު މަސައްކަތް ކުރަމުން ދިޔަ މާރިއޯ ގޯޓްޒޭ އާއި ޒަވީ އެލޮންސޯއަށް ވަނީ ޝަޚްތާގެ ގޯލު ފޫއަޅުވާލެވޭ ގޮތް ނުވެފައެވެ.
ރޭގެ މެޗު އެއްވަރުވި ނަމަވެސް، ބަޔާނަށް އޮތް ހިތްހަމަ ޖެހުމަކީ ދެވަނަ ލެގުގެ މެޗު އަމިއްލަ ދަނޑުގައި ކުޅޭނެ ކަމުގެ ހިތްހަމަ ޖެހުމެވެ. އެ ދެ ޓީމް ދެން ބައްދަލުކުރަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 11 ވަނަ ދުވަހު އެވެ.