ދިރާގުގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަން ރިލްވާން ޝަރީފް މަގާމުން ވަކިކޮށްފި އެވެ.

ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް އަދާ ކުރައްވާ ރިލްވާން "ސަން"އަށް މިއަދު ވިދާޅުވީ އޭނާ މަގާމުން ވަކިކުރެއްވިކަން ޕްރައިވެޓައިޒޭޝަން ބޯޑުގެ ބޭފުޅަކު ފޯނުން ގުޅުއްވައި ރޭ އަންގަވާފައިވާ ކަމަށެވެ.

މަގާމުން ވަކި ކުރި ސަބަބެއް ޕްރައިވަޓައިޒޭޝަންގެ ބޯޑުން ހާމަ ނުކުރައްވާ ކަމަށާއި ވަކި ކުރި ސަބަބާއެކު ސިޓީ މިއަދު ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރިލްވާން ވިދާޅުވި އެވެ.

"ރޭގަ ފޯނުން ގުޅާފަ ޕްރައިވެޓައިޒޭޝަން ބޯޑުގެ ބޭފުޅަކު ވިދާޅުވީ މަގާމުން ވަކި ކުރެއްވި ވާހަކަ. އެކަމަކު ސަބަބެއް ވިދާޅެއް ނުވޭ،" ރިލްވާން ވިދާޅުވި އެވެ.

ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އިބްރާހިމް މުއާޒް އަލީ ވިދާޅުވީ ދިރާގުގެ ޗެއާމަން މަގާމުން ރިލްވާން ވަކިކުރެއްވީ އެހެން ބޭފުޅަކު އެ މަގާމަށް އައްޔަން ކުރެއްވުމަށް ކަމަށެވެ. އަލަށް އައްޔަށް ކުރައްވާ ބޭފުޅެއްގެ ނަން ޕްރައިވެޓައިޒޭޝަން ބޯޑަށް ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ހުށަހަޅުއްވާފައިވާ ކަމަށް މުއާޒު ވިދާޅުވި އެވެ.

ދިރާގުގެ ޗެއާމަންގެ މަގާމަށް އަލަށް އައްޔަން ކުރެއްވުމަށް ޕްރައިވަޓައިޒޭޝަންގެ ބޯޑަށް ފޮނުއްވެވި ނަންފުޅު މުއާޒު ވިދާޅެއް ނުވެ އެވެ.

ދިރާގުގެ ޗެއާމަންގެ މަގާމަށް ރިލްވާން އައްޔަށްކޮށްފައި ވަނީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގަ އެވެ. ދިރާގުގެ ޗެއާމަނަކު އައްޔަން ކުރަނީ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރުން ހަމަޖައްސާ ޑިރެކްޓަރުންގެ ތެރެއިންނެވެ.