މާލެ އެއާޕޯޓުގައި ގާއިމްކޮށްފައި ހުރި ބޯޑާ ކޮންޓްރޯލް ސިސްޓަމުގައި ބޭނުންކުރާ ޕާސްޕޯޓް ރީޑާ ސިސްޓަމްތައް ހަލާކުވެފައިވާތީ، ގަން އެއާޕޯޓުގައި ހުރި ހަތަރު ޕާސްޕޯޓް ރީޑާ ސިސްޓަމް މާލެ ގެނައުމަށް އިމިގްރޭޝަނުން ނިންމައިފި އެވެ.

އިމިގްރޭޝަންގެ އިސް އޮފިޝަލަކު ވިދާޅުވީ، މާލެ އެއާޕޯޓުގައި ގާއިމްކޮށްފައިވާ 12 ޕާސްޕޯޓް ރީޑަރުގެ ތެރެއިން ފަސް ސިސްޓަމް މިހާރު ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށެވެ. އަދި އިތުރު ރީޑަރުތައް ވެސް މަސައްކަތް ކުރަނީ "ވަރަށް ހާލުން" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަދި ގަން އެއާޕޯޓުގައި ހުރި ހުރިހާ ޕާސްޕޯޓް ރީޑާ ސިސްޓަމްތަކެއް މިއަދު މާލެ ގެނައުމުގެ މަސައްކަތްކުރަމުންދަނީ، މިހާރު މާލެ އެއާޕޯޓުގައި ބޭނުންކުރާ ގިނަ ޕާސްޕޯޓް ރީޑަރުތައް ހަލާކުވުމުގެ ސަބަބުން ރާއްޖެ އަންނަ ފަސިންޖަރުންގެ މައުލޫމާތު ސިސްޓަމަށް އެންޓާ ކުރުމުގައި ގިނަ ވަގުތުތަކެއް ނަގައި، ޚިދުމަތް ދިނުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާތީ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.

"ޕާސްޕޯޓް ރީޑަރުގައި ކާއްތާލީމަ އޮޓޮމެޓިކުން އެމީހުންގެ ހުރިހާ މައުލޫމާތެއް ސިކުންތެއް ތެރޭގައި ސިސްޓަމަށް އަޅާނެ. މެނުއަލްކޮށް ޓައިޕް ކުރަން ވެއްޖެއްޔާ ގާތްގަނޑަށް މިނެޓެއް އެބަ ނަގާ ކޮންމެ ފަސިންޖަރަކަށް،" އޮފިޝަލު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އައްޑޫގައި ހުރި ރީޑަރުތައް ގެނައުމުން ގަން އެއާޕޯޓުން އެތެރެވާ ހުރިހާ ފަސިންޖަރުންގެ މައުލޫމާތު ސިސްޓަމަށް އެންޓާކުރުން ހުއްޓާލާނެ އެވެ.

"މެނުއަލްކޮށް ޝީޓްތަކުގައި ލިޔެފަ ]ގަން އެއާޕޯޓުން[ ފޮނުވީމަ އަޅުގަނޑުމެންނަށް ލިބޭވަރަކަށް މިކޮޅުގެ މުވައްޒަފުން އެ ލިސްޓް ސިސްޓަމަށް އެންޓާކުރަމުންދާނީ،" އޮފިޝަލު ވިދާޅުވި އެވެ.

ޕާސްޕޯޓް ރީޑަރުތައް ހަލާކުވުމުގެ އިތުރުން ބޯޑާ ކޮންޓްރޯލް ސިސްޓަމް ސްލޯވެ، ބައެއް ފަހަރު އެއްކޮށް ފެއިލްވާ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ. އެގޮތުން މިދިޔަ މަހުގެ 48 ގަޑިއިރަށް ސިސްޓަމް ފެއިލްވި ކަމަށް އޭނާ ވިދާޅުވި އެވެ.

"މިދިޔަ ޖެނުއަރީ މަހު ވެސް ދެ ދުވަހަށް ސިސްޓަމް ފެއިލްވި. އެ ދުވަހު ގާތްގަނޑަކަށް 800 ނުވަތަ 1200 ފަސިންޖަރުން އައި. އެހުރިހާ ފަސިންޖަރުންގެ މައުލޫމާތު އެއްފަހަރާ އަޅަން ޖެހުނީ،" އޮފިޝަލު ވިދާޅުވި އެވެ.

އޮފިޝަލު އިތުރަށް ވިދާޅުވީ، މިހާރު އެއާޕޯޓުގައި ގާއިމްކޮށްފައިވާ ސިސްޓަމްގައި ބޭނުންކުރަނީ ކެނެޑާއިން އެތެރެކޮށްފައިވާ ޕާސްޕޯޓް ރީޑަރުތަކެއް ކަމަށާއި އެނޫން އެހެން ބްރޭންޑެއްގެ ރީޑަރު ބޭނުންނުކުރެވޭ ކަމަށެވެ.
"އަނެއްކާ ކެނެޑާ ރީޑަރުތައްވީމަ ވަރަށް އަގުބޮޑު. އޭޝިޔާއިން މީގެ ދޭތި ގަންނަ އަގު އެބަދޭ ކެނެޑާ އިން އަލުން ރީޑަރުތައް ގެންނަން،" އޮފިޝަލު ވިދާޅުވި އެވެ. "އަނެއްކޮޅުން ނެކްސްބިޒްއިން އަޅުގަނޑުމެންނަށް އެ ހުރިހާ ސިސްޓަމްތަކެއް ވެސް ގާއިމްކޮށްދޭ ގޮތަށް އޮތީމަ އަޅުގަނޑުމެން މިއަހަރުގެ ބަޖެޓުގައި ހިމަނައިފައެއް ވެސް ނޯންނާނެ،" އޭނާ އިތުރަށް ވިދާޅުވި އެވެ.

ޕާސްޕޯޓް ރީޑަރުތަކުގެ އިތުރުން ވޯކް ވީސާ އައިޑީ ހަދައި މެޝިންތައް ވެސް ހަލާކުވެފައިވާ ކަމަށާއި މިހާރު ހަދާ ބައެއް ކާޑުތަކުގައި "ކޫރުން" އެޅިފައި ހުންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، މި ސިސްޓަމްތައް އާ ނުކޮށް، ފާއިތުވި ހުރިހާ ދުވަހު މަޑުކުރީ ނެކްސްބިޒްއާ އެކު އިމިގްރޭޝަނުން ސޮއިކުރި އެއްބަސްވުމުގެ ދަށުން، އެ ހުރިހާ ސިސްޓަމްތައް އާކޮށް، ކޮންމެ ފަސް އަހަރަކުން އެއްފަހަރު އަޕްގްރޭޑްކުރާ ގޮތަށް ހަމަޖެހިފައި އޮތުމުން ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުން އެ ޕްރޮޖެކްޓް ހުއްޓާލުމަށް އެނގި އެންގުމަށް ތަބާވުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އަންގަވައިފައިވާތީ އިމިގްރޭޝަނުން ވަނީ އެ ޕްރޮޖެކްޓް ހުއްޓާލައިފަ އެވެ.
އެހެންކަމުން، އިމިގްރޭޝަނުން މިހާރު މަސައްކަތްކުރަމުންދަނީ މިހާރު "އޮތް ގޮތަކަށް" މަސައްކަތްކުރުމަށް ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

"ހުރިހާ މީޓިންތަކެއްގައި ވެސް ވާހަކަ ދެކެވުނީ ސިސްޓަމްތަކުގެ މައްސަލަތަކާ އެއްޗެހި ހަލާކުވެފައި ހުރި ވާހަކައާ މަސައްކަތްކުރިއަށްނުދާ ކަން. ކޮންޓްރޯލޯ ވިދާޅުވަނީ އޮތްގޮތަކަށް މަސައްކަތްކުރާށޭ. ވަކި ދުވަހެއް ބަލައިފައި އަނެއްކާ ޓްރައިކުރާނީއޭ އެއްޗެހި ގަންނަން. އެކަމަކު ބޯޑާ ކޮންޓްރޯލް ސިސްޓަމް ނެތޭ އިތުރަކަށް ގަނެވޭކަށް،" އޭނާ ވިދާޅުވި އެވެ.

ކޮންޓްރޯލާ އިލްޔާސް ހުސެން އިބްރާހިމް ސޮއިކުރައްވައި މިދިޔަ މަހު ނެރެނު ރިޕޯޓެއްގައި ބުނެފައިވަނީ، މިހާރު ބޭނުންކުރަމުންދާ ބޯޑާ ކޮންޓްރޯލް ސިސްޓަމް، "މޯލްޑިވް ސިސްޓަމް" ދަނީ ކަމީނާވެ، ނިކަމެތިވެ ހަލާކުވަމުން ކަމަށެވެ.

އަދި 2003 ވަނަ އަހަރުން ފެށިގެން ކެނޭޑިއަން ބޭންކް ނޯޓް ކޮމްޕެނީއާ ހަވާލުކޮށްގެން ބޭނުންކުރަމުންދާ ސިސްޓަމުގެ ވޮރަންޓީ މުއްދަތު ހަމަވުމުން، އަހަރަކު އެއްފަހަރު އެ ސިސްޓަމްގެ މެއިންޓަނެންސް ކަންކަން ކުރުމަށް މެއިންޓަނެންސާ ބެހޭ ކޮންޓްރެކްޓެއްގައި ސޮއިކުރުމަށް އެ ކުންފުނިން ހުށަހެޅި ނަމަވެސް އެ އަގު ބޮޑުވުމުމުގެ ސަބަބުން އިމިގްރޭޝަނުން އެ ހުށަހެޅުން ބަލައިގެންފައިނުވާ ކަމަށެވެ.

"އެހެން ކަމުން މިއަދާ ހަމައަށް ވެސް އެ ފަރާތުގެ ޓެކްނިކަލް އެއްވެސް ސަޕޯޓެއް ލިބިފައެއްނުވެ އެވެ. އެ ސިސްޓަމް ދުވަހުން ދުވަހަށް ދަނީ ކަމީނާވެ ނިކަމެތިވަމުންނެވެ. ހަލާކުވަމުންނެވެ،" 500 މިލިއަން ރުފިޔާގެ ބޯޑާ ކޮންޓްރޯލް ޕްރޮޖެކްޓް ހުއްޓާލުމަށް އޭސީސީން އެންގުމުން އިލްޔާސް ނެރުއްވި ރިޕޯޓުގައިވެ އެވެ.