އިސްލާމިކް މިނިސްޓްރީ އިން "ދަ މެސެޖު" ގެ ނަމުގައި އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ ދަރުސްތަކުގެ ބޭނުމަކީ ދިވެހި ރައްޔިތުންގެ މެދުގައި ދީނީ ވަހުދަތު ވަރުގަދަ ކުރުން ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، "ދަ މެސެޖު" ދަރުސްތަކުގެ ބޭނުމަކީ އެއިރެއްގެ ހާލަތަކަށް ރިއާޔަތްކޮށް ތަހުޒީބު މުޖުތަމައުއެއް ބިނާ ކުރުން ކަމަށެވެ.

ޒަމާނީ ގޮންޖެހުންތަކާ މެދު ވިސްނާ ފަރާތްތަކަށް މުހިއްމު، މި ދަރުސްތައް ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ އަހަރަކު ދެ ބަޔަކަށް ބަހާލައިގެން ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެއެވެ.

"އެއީ މާތްވެގެންވާ ރަމަޟާން މަހުގެ ކުރިއާ ފަހެވެ. އަދި މި ދަރުސްތައް ކުރިއަށް ގެންދެވޭނީ އިނގިރޭސި ބަހުންނެވެ." އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނުގައި ވެއެވެ.

އިސްލާމިކް މިނިސްޓްރީން "ދަ މެސެޖު"ގެ ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ދަރުސްތައް ދެއްވުމަށް ދުނިޔޭގެ މަޝްހޫރު އިލްމުވެރިން ރާއްޖެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ދަ މެސެޖު ސިލްސިލާގެ ފުރަތަމަ ދަރުސް ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހު އެވެ.

"ދަ މެސެޖު"ގެ ސިލްސިލާ ދަރުސްތައް ފެށުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީން ވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހު ކާނިވާ ސަރަހައްދުގައި ދަރުސެއް ބާއްވާފައެވެ. "ގައުމާ މެދު އަހަރެމެންގެ މަސްއޫލިއްޔަތު" މި ނަމުގައި އެ ދަރުސް ދެއްވީ ޝެއިހް އާދަމް ޝަމީމް އިބްރާހިމް އެވެ.