18 Feb 2015, 09:45
ގާހިރާ (ފެބްރުއަރީ 17) : ލީބިޔާ އިން އައިއެސް ޖަމާއަތް ނައްތާލުމަށް ޓަކައި ބައިނަލްއަގްވާމީ ލަޝްކަރެއް ލީބިޔާ އަށް ފޮނުވުމަށް މިސްރުގެ ރައީސް އަބްދުލްފައްތާޙް އައްސީސީ ބައިނަލްއަގްވާމީ މުޖްތަމައަށް ގޮވާލައްވައިފި އެވެ.
ފަރަންސޭސިވިލާތުގެ ރޭޑިޔޯއެއްކަމަށްވާ "ރޭޑިޔޯ ޔޫރަޕް" އަށް ދެއްވި ބަސްދީގަތުމެއްގައި ސީސީ ވިދާޅުވީ އައިއެސް އިން ލީބިޔާގައި ވަކިހިއްޕަމުންދާއިރު ބައިނަލްއަގްވާމީ މުޖްތަމަޢު ކުޅިބަލަން އޮވެގެންނުވާނެ ކަމަށާއި އައިއެސްގެ ލީބިޔާގެ ގޮފި ނައްތާލުމަށް ޓަކައި ބައިނަލްއަގްވާމީ ލަޝްކަރެއް ލީބިޔާއަށް ފޮނުވަން ޖެހޭ ވަގުތު ޖެހިއްޖެކަމުގަ އެވެ. ލީބިޔާގައި އައިއެސް ޖަމާއަތް ފައިހަރުކޮށްލައިފި ނަމަ މިސްރުގެ އިތުރުން ޔޫރަޕަށާއި ހުޅަނގު އެފްރިކާގެ އަރަބި ގައުމުތަކަށް ވަރަށްބޮޑު ނުރައްކަލެއް ކުރިމަތިވެގެންދާނެ ކަމުގެ އިންޒާރު ސީސީ ދެއްވި އެވެ.
ސީސީ މިމޭރުމުން ވާހަކަ ދައްކަވާފައި ވަނީ ލީބިޔާގައި ހަރަކާތްތެރިވާ އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިން މިސްރުގެ 21 މީހަކު ވަގަށްނެގުމަށް ފަހު އެމީހުން ކަތިލައި މަރާލި ޖަރީމާއަށް ބަދަލުހިފުމުގެ ގޮތުން މިސްރުން ލީބިޔާއަށް ދެމުންދާ ވައިގެ ޙަމަލާތަކުގައި ލީބިޔާގެ އާންމުންގެ އެތައް ބަޔަކު މަރުވެފައިވަނިކޮށެވެ. ލީބިޔާ އަށް ހަމަލާދެނީ ލީބިޔާގެ ރައްޔިތުން ތަމްޘީލްކުރާ ފަރާތްތަކުގެ އެދުމުގެ މަތިން އައިއެސްގެ އަމާޒުތަކަށް ކަމަށް ސީސީ ވިދާޅުވި އެވެ. ނަމަވެސް މިސްރުގެ ޢަސްކަރީ މަތިންދާބޯޓުތަކުން ލީބިޔާގެ އިރުމަތީ ރަށެއް ކަމަށްވާ، ދަރްނާއަށް ދިން ވައިގެ ޙަމަލާތަކުގައި ލީބިޔާގެ ކުޑަކުދިންނާއި އަންހެނުން ހިމެނޭ ގޮތަށް އެތައް ބަޔަކު މަރުވެފައިވާތީ ލީބިޔާގެ ބައެއް މަސްއޫލުވެރިންވަނީ ސްޓޭޓް ޓެރަރިޒަމް ހިންގާ ކަމުގެ ތުހުމަތު މިސްރުގެ މައްޗަށް ކުރައްވާފަ އެވެ.
މިސްރުގެ ޙަމަލާތަކަކީ ޓެރަރިޒަމްގެ އަމަލެއްގެ އިތުރުން އެއީ ލީބިޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން ކަމަށް ޓްރިޕޮލީގައި ވެރިކަންކުރާ ލީބިޔާ ސަރުކާރުގެ ބޮޑުވަޒީރު އުމަރުލްޙާސީ ވަނީ ސިފަކުރައްވާފަ އެވެ. އަދި އާންމުން މަރައިގެން އައިއެސް ފަދަ ޓެރަރިސްޓް ޖަމާއަތްތައް ބަލިނުކުރެވޭނެ ކަމަށާއި އައިއެސް ބަލިކުރަންބޭނުން ނަމަ މިސްރުން މުއާމަލާތް ކުރަންޖެހޭނީ ލީބިޔާގެ ރަސްމީ ފަރާތްތަކާ ކަމަށްވެސް ލީބިޔާގެ ބޮޑުބައި ކޮންޓްރޯލް ކުރާ ސަރުކާރުގެ ބޮޑުވަޒީރު ވިދާޅުވި އެވެ.
މިސްރުން ވަނީ އައިއެސްފަދަ ހަރުކަށި ޖަމާއަތްތަކާ ކުރިމަތިލުމަށް ޓަކައި އަރަބި ކޮމާންޑޯސް ބާރެއް އެކުލަވާލުމަށް ވެސް ގޮވާލާފަ އެވެ. ނަމަވެސް މިގޮވާލުމާބެހޭ ގޮތުން އަރަބި އެހެންގައުމަކުން އެއްޗެއް ބުނެފައެއް ނުވެ އެވެ. (އަލްޖަޒީރާ)