އާފަލުގެ ތޮށި މަށާލުމުން އެތެރެ މުށި ކުލައަށް ބަދަލު ނުވާގޮތަށް "ޖެނެޓިކަލީ މޮޑިފައި" ކޮށްފައިވާ އާފަލުތައް މާކެޓަށް ނެރުމަށް ފުރަތަމަ ފަހަރަށް އެމެރިކާގެ ރެގިއުލޭޓަރުން ހުއްދަދީފި އެވެ.

އެ އާފަލުތައް ބޭނުން ކުރުމަށް ހުއްދަ ދީފައިވަނީ އޯގެނިކް އިންޑަސްޓްރީތަކާއި "ޖެނެޓިކަލީ މޮޑިފައިޑް އޯގަނިޒަމްސް (ޖީއެމްއޯ)އަށް އެކި ގޮތްގޮތުން ފާޑު ކިޔަމުން ގޮސް އަޑު އުފުލަމުން ދިޔަ ގިނަ ބަޔަކާ ދެކޮޅަށެވެ.

އެމެރިކާގެ ޑިޕާޓްމެންޓް އޮފް އެގްރިކަލްޗާސް އެނިމަލް އެންޑް ޕްލާންޓް ހެލްތު އޮތޯރިޓީ އިން ހުއްދަ ދީފައިވަނީ ޖެނެޓިކަލީ އިންޖިނިއާ ކޮށްފައިވާ ދެ ބާވަތެއްގެ އާފަލަކަށެވެ.

އަލަށް ބާޒާރަށް ނެރުމަށް ތައްޔާރުވަމުންދާ ދެބާވަތުގެ އާފަލު އުފައްދާ އޮކަނަގަން ސްޕެޝަލިޓީ ފްރުޓްސް ނަމަކަށް ކިޔާ ބަޔޯޓެކް ފާމުން ބުނީ، އެ ކުންފުނިން މިހާރު ތައްޔާރުކުރަމުން އަންނަނީ، ގްރެނީ ސްމިތު އަދި ގޯލްޑެން ޑިލިޝަސް އާފަލުތައް ކަމަށާއި މީގެ އިތުރުން ފޫޖީ އާފަލާއި ގެލާ އާފަލު އަވަސް މުސްތަގުބަލެއްގައި އެ ކުންފުނިން އުފައްދަން ފަށާނެ ކަމަށެވެ.

އެ ކުންފުނީގެ ރައީސް، ނީލް ކާޓާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، އެ ކާމިޔާބީއަކީ ކުންފުންޏަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަމަށާއި ވީހާވެސް އަވަހަށް ބާޒާރަށް އެ އާފަލުތައް ނެރުމަށް މަސައްކަތް ކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ، އެ އާފަލުތައް އެންމެ ފުރަތަމަ ފަހަރަށް މާކެޓަށް ނުކުންނާނީ 2016 ވަނަ އަހަރުގެ ފަހުކޮޅު ކަމަށެވެ. އެތަކެތި ފުރަތަމަ އުފައްދާނީ ކުޑަ އަދަދަކަށް ކަމަށްވެސް ކާޓާ ވިދަޅުވިއެވެ.