18 Feb 2015, 09:23
ހައިޓީގެ މަގުމަތީގައި ކުރިއަށްދިޔަ ކާނިވަލެއްގައި ހިނގި ހާދިސާއެއްގައި 16 މީހުން މަރުވެ، އެތައް ބަޔަކު ޒަހަމްވެއްޖެ އެވެ.
ހައިޓީގެ ވެރިރަށް ޕޯޓައު ޕްރިންސްގައި ހިނގި އެ ހާދިސާ ހިނގަން މެދުވެރިވީ ކާނިވާ ތެރޭގައި ދުއްވަމުންދިޔަ ފުޅަނދަކަށް ތަން ދިނުމުގެ ގޮތުން، ފުޅަނދުގައި ހުރި މީހަކު ދަނޑިބުރިއަކުން މަތީގައި އެލިފައި އޮތް ކަރަންޓު ވަލެއް ދުރުކުރަން އުޅުމުގެ ތެރޭގައި ކަރަންޓު ވާ ކަނޑައިގެން ދިއުމުން ކަމަށް މަންޒަރު ދުށް މީހަކާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސް (އޭޕީ) ބުނެފައިވެ އެވެ.
އެ ހާދިސާއަށްފަހު އެ ކާނިވަލުގެ ތިން ވަނަ ދުވަހާއި ފައިނަލް ދުވަސް ވަނީ ެކެންސަލްކޮށްފަ އެވެ.
އެތައް ބަޔަކު ކުޅިބަލަން އެއްވެފައި އޮތް ސަރަހައްދެއްގައި ހިނގި އެ ހާދިސާގައި ބައެއް މީހުން ކަރަންޓުގައި ޖެހިގެން މަރުވި އިރު، ގިނަ މީހުން މަރުވީ އެކަމުން ސަލާމަތްވާން ދުވަން އުޅުމުން ތޮއްޖެހި ހާސްވެގެންނެވެ. އަދި އެ ހާދިސާގައި 78 މީހުން ޒަހަމްވެފައިވާ ކަމަށް އޮފިޝަލުންނާއި ހަވާލާދީ ބީބީސީގައި ބުނެފައިވެ އެވެ.
އެ ކާނިވަލުގައި ކަރަންޓު ވާގަނޑު ކަނޑައިގެން ގޮސްފައިވަނީ ކާނިވަލުގައި ބައިވެރިކުރި 16 ފުޅަނދުގެ ތެރެއިން ހައިޓަންގެ ހިޕް ހޮޕް ބޭންޑެއް ސްޕޮންސާ ކޮށްފައިވާ ފުޅަނދެއް ދިއުމަށް ޖާގަ ހަދަން އުޅުމުގެތެރޭގައެވެ. ހާދިސާގައި ބޭންޑުގެ ލަވަކިޔުންތެރިއާގެ ގައިގައި ކަރަންޓު ނަރުން ޖެހި ވަނީ ސީރިއަސް ހާލަތުގައެވެ.
އެ ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ހައިޓަންގެ ރައީސް މިޝެއިލް މާޓެލީ ތައުޒިޔާ ވިދާޅުވެފައިވެ އެވެ. މަރުވި މީހުންގެ ހަނދާނުގައި ހާއްސަ ހިނގާލުމެއް ބާއްވަން ސަރުކާރުން ވަނީ ނިންމާފަ އެވެ. އަދި މިއަދުން ފެށިގެން ގައުމީ ހިތާމައިގެ ތިން ދުވަސް ފާހަގަކުރަން ނިންމައި ގައުމީ ދިދަ ބައި ދަނޑިއަށް ތިރިކުރަން ވަނީ ނިންމާފައެވެ.